15 Mar 2017, 20:49
ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސް (ސްވައިން ފްލޫ) ޖެހުނު މީހުންގެ އަދަދު 82 އަަށް އަރައިފި އެވެ.
އެއް ދުވަހުގެ މެދުކެނޑުމަކަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ)އިން އާންމު ކުރި މައުލޫމާތުން ދައްކާ ގޮތުން އިތުރު 31 މީހަކަށް ވަނީ ސްވައިންފުލޫ ޖެހިފަ އެވެ. މިދިޔަ ހޯމަ ދުވަހު އެޗްޕީއޭއިން ބުނެފައި ވަނީ ސުވައިންފުލޫއަށް ޝައްކު ކުރެވިގެން 251 މީހަކު ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 51 މީހަކު ސްވައިންފުލޫއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭއީން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ސުވައިން ފުލޫއަށް 279 މީހަކު ވަނީ ޓެސްޓުކޮށްފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާ ގުޅިގެން އިއްޔެ އެކަނިވެސް 2314 މީހަކު ވަނީ ފަރުވާއަށް އެދިފަ އެވެ. މާލެއިން އިއްޔެ ފަރުވާއަށް އެދުނު އަދަދު 898 އަރާއިރު، އަތޮޅު ތެރެއިން އިއްޔެ ފަރުވާއަށް އެދުނު އަދަދު 1416އަށް އަރަ އެވެ.
އަތޮޅު ތެރެއިން 27 މީހަކު އިއްޔެ އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވާއިރު، މާލެއިން އިއްޔެ އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދަކީ ހަތަރެކެވެ.
އަތޮޅު ތެރެއިން އެންމެ ބޮޑަށް ރޯގާ ފެތުރެމުން ދަނީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުން ޖުމްލަ 157 މީހަކު އިއްޔެ ފަރުވާ ހޯދާފައިވާ ކަމަށް ތަފާސްހިސާބްތަކުން ދައްކައެވެ. އަދި އެކަކު އެޑްމިޓްކޮށް އިއްޔެ ފަރުވާ ދޭން ޖެހުނު ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކަ އެވެ.
އެޗްވަންއެންވަން ވައިރަސް ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އިރު، އެ ބައްޔަށް ފަރުވާ ދިނުމަށް މާލޭގެ ދެ ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗު އަދި އޭޑީކޭ ހޮސްޕިޓަލުން ވަނީ ޚާއްސަ ފްލޫ ކްލިނިކުތަކެއް ހަދައި، ޚިދުމަތް ދޭން ފަށައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މައުލުމާތު ދޭ ގޮތުގައި އެޗްވަންއެންވަން ވައިރަސް ޖެހިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ ތެރޭގައި މަރުވެފައިވެ އެވެ.