ސުވައިން ފުލޫގެ ނުރައްކާ މާބަނޑު މީހުންނަށް އޮތުމާ ގުޅިގެން، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުން ވަގުތީ ގޮތުން ވަޒީފާއަށް ނުކުންނަށް ނުޖެހޭ ގޮތް ހަދައިފި އެވެ.

އެމްއެންޔޫގެ މާބަނޑު މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ނުޖެހެނީ ހަފްތާއެއްގެ މުއްދަތަށެވެ. އެއީ މާދަމާއިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެ ނިންމުން ނިންމީ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ސޮއި ކުރައްވައި އެ ޔުނިވަސިޓީގެ ފެކްޓީތަކަށް މިއަފު ފޮނުއްވެވި މެމޯއެއްގަ އެވެ.

ޑރ. އަލީ ފަވާޒު ޝަރީފު ސޮއި ކުރައްވައި ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭ ފަރާތްތަކުގެ ތެރޭގައި މާބަނޑު އަންހެނުން ލިސްޓް ކޮށްފައިވާތީވެ އެ ފަރާތްތަކާއި ބަނޑުގައިވާ ދަރިންގެ ރައްކަލަކަށް އެ ފިޔަވަޅުން އަޅަން ނިންމީ ކަމަށެވެ.

މާބަނޑު މީހުންނަކީ އެޗްވަންއެންވަން ވައިރަހުގެ އަސަރު ކުރާ ހައި ރިސްކް ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންކަމުން އައިޖީއެމްއެޗު އާއި އޭޑީކޭ ހޮސްޕިޓަލުން ދަނީ މާބަނޑު މީހުންނަށް ހާއްސަކޮށްގެން އެ ފަރާތްތަކަށް ސްވައިން ފުލޫ ވެކްސިން ޖަހައިދިނުމުގެ މަސަތްކަތް ފަށާފައެވެ.

އައިޖީއެމްއެޗުން ވެކްސިން ޖެހުމުގެ ކަންކަން މިއަދު ހަވީރު 6:00 އާ ހަމައަށް، އެ ހޮސްޕިޓަލުގެ ރީޕްރޮޑަކްޓިވް ހެލްތު ކްލިނިކުން ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އަދި މާދަމާއިން ފެށިގެން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހަމުން ގެންދާނެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައި ދެނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް، އެ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައި ހުންނަ ވެކްސިނޭޝަން ރޫމުންނެވެ.