15 Mar 2017, 16:23
އިންޑިއާގައި ހަލުވިކަމާއެކު ސްވައިން ފުލޫ ފެތުރި 51 މީހަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ގައުމުގެ މިހާތަނަށް 51 މީހަކު މަރުވެފައި ވަނީ ހަ ސްޓޭޓަކުންނެވެ. އެ ގައުމުގެ އެތަށް ހާސް ބަޔަކު ވަނީ ސުވައިން ފުލޫއަށް ފޮޒިޓިވްވެފަ އެވެ.
އެގައުމުގެ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. ސަންޖޭ ޖައިސްވަލްއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގައުމުގެ ބައެއް ހޮސްޕިޓާ ތަކުން ވެސް ވަނީ ސްވައިން ފްލޫއަށް ޝައްކުވާ ފަދަ އަލާމަތްތައް ހުރި ގިނަ އަދަދެއްގެ ބަލި މީހުން ޑޮކްޓަރަށް ދައްކަމުން ދާ ކަމަށެވެ.
"މިހާރު ވައިރަސް ޖެހުނު މީހުންގެ އަދަދު މަތިވާނެ ކަމަށް ބެލެވޭ. ނަމަވެސް ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށްކުރެވިފައި. ޑޮކްޓަރުންނަށް މިހާރު ކުރީ ބައިގައި މި ބައްޔަށް ޓެސްޓު ކުރެވި ދޭން ޖެހޭ އެންމެ ރަނގަޅު ފަރުވާ ދިނުމުގެ ފުރުސަތު ވާނީ ފަހި ކޮށްދީފަ،" ސަންޖޭ ވިދާޅުވިއެވެ.
މަހަރަޝްޓްރާ ސްޓޭޓު:މުޅި ސްޓޭޓުން ސްވައިން ފްލޫގެ 100 އަށް ވުރެ ގިނަ ކޭސް ފެނިފައިވޭ. ޖުމްލަ 26 މީހަކު ބަލީގައި މަރުވެފައިވާ އިރު، މާޗު މަހު އެކަނިވެސް 16 މީހަކު މަރުވެފައިވޭ. އެންމެ ގިނައިން މީހުން މަރުވެފައިވަނީ ޕޫނޭ ސިޓީއިން. ނާގްޕޫރު ސިޓީއިން ސްވައިން ފްލޫ ޖެހިގެން 46 އަހަރުގެ މީހަކު މަރުވެފައިވޭ. އަދި މިދިޔަ 10 ދުވަސް ތެރޭގައި ތިން މީހަކު ޕޮޒިޓިވްވި ކަމަށް ދައްކާ.
ރާޖަސްތާން ސްޓޭޓު:މިހާތަނަށް ހަތަރު މަރު. އަށްޑިހަ މީހަކު ޓެސްޓު ކޮށްައިވާ އިރު، 16 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް ކަމަށް ދައްކާ. އިއްޔެ ޖައިޕޫރު ސިޓީއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައި.
ގުޖުރާތު ސްޓޭޓު:ރާޖުކޮތު ސިޓީއިން މިދިޔަ ދެ ހަފްތާ ތެރޭގައި ދެ މީހަކު ސްވައިން ފްލޫގައި މަރުވި.
ޓެމިލް ނާޑޫ:މިހާތަނަށް 1،000 އާށް ވުރެ ގިނަ މީހުން ސްވައިން ފްލޫއަށް ޕޮޒިޓިވް ކަމަށް ދައްކާފައިވޭ. ފެބްރުއަރީ 17 އާ ހަމައަށް ނުވަ މީހަކު މަރުވި. އިއްޔެ ސޫތުކުޅިން 68 އަހަރުގެ އަންހެނަކު ވަނީ ސްވައިން ފްލޫ ޖެހިގެން މަރުވެފައި.
ތެލަންގަނާ ސްޓޭޓު:މިއަހަރުގެ މިހާތަނަށް 27 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް ކަމަށް ދައްކާ. މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް އެ ސްޓޭޓުން ސްވައިން ފްލޫ ޖެހިގެން 11 މީހަކު މަރުވި.
ކަރުނާޓަކާ ސްޓޭޓު:ސްވައިން ފްލޫގައި މިއަހަރު ކަރުނާޓަކާ ސްޓޭޓުން ހަތް މީހަކު މަރުވެފައިވޭ. އަދި ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމައަށް 300 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވޭ.