15 Mar 2017, 16:06
މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އިންފްލުއެންޒާ ވައިރަހުން ރައްކާތެރިވުމަށް ޖަހާ އިންފްލުއެންޒާ ވެކްސިން އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން މާބަނޑު މީހުންނަށް ޖަހައިދޭން ފަށައިފި އެވެ.
މާބަނޑު މީހުންނަކީ އެޗްވަންއެންވަން ވައިރަހުގެ އަސަރު ކުރާ ހައި ރިސްކް ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.
އިންފްލުއެންޒާ ވައިރަސް ފެތުރުމާ ގުޅިގެން އެކުލަވާލާފައިވާ ޓާސްކު ފޯހުގައި ހިމެނިވަޑައިގަންނަވ،ާ އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް "ސަން"އަށް ވިދާޅުވި ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މަޝްވަރާ ދީފައި ވަނީ މިވަގުތު ހަމައެކަނި މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ދިނުމަށެވެ.
އައިޖީއެމްއެޗުން ވެކްސިން ޖެހުމުގެ ކަންކަން މިއަދު ހަވީރު 6:00 އާ ހަމައަށް، އެ ހޮސްޕިޓަލުގެ ރީޕްރޮޑަކްޓިވް ހެލްތު ކްލިނިކުން ކުރިޔަށް ގެންދާނެއެވެ. އަދި މާދަމާއިން ފެށިގެން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހަމުން ގެންދާނެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައި ދެނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް، އެ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާގައި ހުންނަ ވެކްސިނޭޝަން ރޫމުންނެވެ.
މި ވެކްސިނަކީ އާސަންދައިގެ ދަށުން ކަވަރު ކުރާ ވެކްސިނަކަށް ނުވާ އިރު، ވެކްސިން ޖެހުމަށްޓަކައި ވެކްސިންގެ އަގު، 130 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެ އަގަކީ ހޮސްޕިޓަލުތަކުގެ ފަރާތުން، ވެކްސިން ފޯރުކޮށްދިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ރައްދުކޮށްދޭނެ ފައިސާއެވެ.
ވެކްސިނަށް ނަގާ 130 ރުފިޔާގެ އިތުރުން، ވެކްސިން ޖަހަން ބޭނުންކުރާ އިންޓްރާމަސްކިއުލާ އިންޖެކްޝަނަށް 33 ރުފިޔާ ނަގާނެއެވެ. އެހެންކަމުން ވެކްސިން ޖެހުމަށް ޗާޖުކުރާނީ ޖުމްލަ 163 ރުފިޔާއެވެ.
ވެކްސިން ޖަހަން އަންނަ އިރު މާބަނޑު މީހާގެ އައިޑީކާޑުގެ އިތުރުން އެންޓެނެންޓަލް ކާޑު ގެންނަން ޖެހެއެވެ.
ހޯމަ ދުވަހު އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީއިން ބުނި ގޮތުން، ރާއްޖޭގައި ހުރީ އިންފްލުއެންޒާ ވައިރަހުން ސަލާމަތްވުމަށް ޖަހާ ވެކްސިންގެ ލިމިޓެޑް ސްޓޮކެކެވެ.
ނަމަވެސް އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އަދި ބައްޔަށް ފަރުވާކުރާ ބޭސް އެބަހުރި ކަމަށެވެ.