15 Mar 2017, 16:03
މިހާރު ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރެމުން އަންނަ ސުވައިން ފްލޫއާ ގުޅިގެން ސަރުކާރުން ފިޔަވަޅުއަޅާތޯ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ރިޔާޒު ހުށަހެޅުއްވި މައްސަލާގައި ވަނީ ސުވައިން ފްލޫ ޖެހިފައިވާ މީހަކު ދާދިފަހުން މަރުވެފައިވާ އިރު ސުވައިން ފްލޫ ޖެހިގެން މާބަނޑު އަންހެނަކާއި ކުޑަކުއްޖެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ހަލުވިކަމާ އެކު ސުވައިން ފްލޫ ފެތުރެމުންދާ ދިޔުން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅާތޯ ބަލައިދިނުމަށް ރިޔާޒު ވަނީ އެ ކޮމެޓީގައި އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރަން ތިބޭ ރައްޔިތުންގެ ޚާދިމުން ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ސިޔާސީ ފިކުރަށް ވުރެ ގައުމު އިސްކޮށް އެ މައްސަލަ ބަލައި ރައްޔިތުންގެ ރައްކާތެރި ކަމަށް ސަރުކާރުން ފިޔަވަޅު އަޅާފައިވާކަން ޔަގީންކޮށްދިނުމަށް ވެސް ރިޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.
އެފަދަ މައްސަލައެއް ރިޔާޒު ހުށަހެޅުއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ޖަލްސާތައް ނުބޭއްވިޔަސް ކޮމެޓީގެ ބައްދަލުވުންތައް ބޭއްވުމަށް އެއްވެސް ހުރަހެއް ނޯވެ އެވެ.
ސުވައިން ފްލޫއަށް ޝައްކު ކުރެވޭ 251 ސާމްޕަލް މިހާތަނަށް ނަގާފައިވާ އިރު، އޭގެ ތެރެއިން ޖުމްލަ 51 އަށް ވުރެ ގިނަ މީހުންް ވަނީ ސުވައިން ފްލޫއަށް ޕޮޒިޓިވްވެފަ އެވެ.