އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]ގެ ކުރީގެ ވެރިޔާ ޑޮމިނިކް ސްޓްރައުސް ކާން ނިއުޔޯކްގައި ހުންނެވި ހޮޓަލުގައި އޭނާ އަށް ހިދުމަތްކުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނިއުޔޯކް ފުލުހުން ކާން ހައްޔަރުކުރީ ނިއުޔޯކުން ފުރާވަޑައިގެންނެވުމަށް ޓަކައި މަތިންދާ ބޯޓްގައި އިންނަވަނިކޮށެވެ.

މިދިޔަ މޭ މަހު ހިނގި އެ ހާދިސާއަށް ފަހު ކާންގެ މައްސަލަ ބަލަމުންދާ އެމެރިކާގެ ޕްރޮސެކިއުޓަރުންނާ އެ އަންހެން މީހާ އާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އުފެދި ތަހުގީގު ވަރަށް ރަނގަޅަށް ކުރިއަށް ދިޔަ ކަމަށް އެމެރިކާގެ ނޫސްތަކުން އޭރު ބުނަމުން ދިޔަ އެވެ. ނަމަވެސް ކާންގެ މައްސަލައިގައި މިހާރު ވަނީ މުޅިން އެހެން ކުލައެއް ޖެހެން ފަށައިފަ އެވެ. ގިނީ އަށް އުފަން އުމުރުން 32 އަހަރުގެ އަންހެން މީހާ ޕްރޮސެކިއުޓަރުންނަށް ކިޔައިދެމުންދާ ވާހަކަތައް ދިމާ ނުވާކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށް މަޝްހޫރު ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރަން ފަށައިފި އެވެ.

ކާން އަށް ތުހުމަތުގެ އިނގިލި ދިއްކުރި އަންހެން މީހާ އެމެރިކާގެ އެރިޒޯނާގެ ޖަލުގައި ހުރި އޭނާގެ ލޯބިވެރިޔާއާ ފޯނުން ދެއްކި ވާހަކަތަކެއްގެ ރެކޯޑިންއެއް މިހާރު ވަނީ ޕްރޮސެކިއުޓަރުންނަށް ލިބިފަ އެވެ. ޑްރަގްގެ ވިޔަފާރިކުރިކުރުމުގެ ކުށުގައި އަރިޒޯނާގެ ޖަލަށް ލާފައިވާ އެމީހާއާ އަންހެން މީހާ ދެއްކި ވާހަކަތަކުގެ ރެކޯޑިން މެންހާޓަން ޑިސްޓްރިކްޓް އެޓާނީ އޮފީހުން މިހާރު ވަނީ ތަރުޖަމާ ކޮށްފަ އެވެ.

އަންހެންމީހާ ނިސްބަތްވާ ގީނީގައި ވާހަކަ ދައްކައި އުޅޭ ބަހެއްކަމަށްވާ " ފްލާނީ" ބަހުން އޭނާ އާއި އޭނާގެ ލޯބިވެރިޔާ ދެއްކި ވާހަކަ މިދިޔަ ބުދަ ދުވަހު ތަރުޖަމާކޮށް ނިމުނު އިރު، މައްސަލަ ތަހުގީގުކުރާ އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަކަށް އެކަންވި އެވެ.

އަންހެން މީހާ އޭނާގެ ލޯބިވެރިޔާ އާ ދެއްކި ވާހަކައިގެ ތެރެއިން ފާހަގަކޮށްލެވުނު އެއް ޖުމްލައަކީ "ދެރަނުވޭ މިމީހާ އަތުގައި ވަރަށް ގިނަ ފައިސާ އެބަހުރި. އަހަރެން މިކުރާ ކަންތައް އަހަރެންނަށް އެނގޭ!" މިޖުމްލަ އެވެ.
އަންހެން މީހާގެ އެ ފޯންކޯލް ވެފައި ވަނީ އޭނާގެ ފަރާތުން ތަކުރާރުވަމުން އަންނަ ހަދަހަދައިގެން ކިޔައިދޭ ވާހަކަތަކާ ދިމާ ނުވާ ހާދިސާތަކަށް އިތުރުވި ބޮޅަކަށެވެ.

މޭ މަހުގެ 14 ވަނަ ދުވަހު އެ އަންހެން މީހާ އަށް ކާން ހަމަލާދިން ކަމަށް ބުނުމާ އެކު އޭރު އޭނާ ވެފައި ވަނީ އެ ހާދިސާގެ ސަބަބުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައި ހުރި ސޯލިހު އަޅުވެރި މުސްލިމް އަންހެނަކަށެވެ. ނަމަވެސް ކުދިކުދި ކަންތައްތަކުން އޭނާގެ އިތުބާރު ދިޔައީ ދުވަހެއް ދުވަހަކަށް، ގެއްލި ފަނޑުވަމުންނެވެ. އެގޮތުން އޭނާ އެމެރިކާ އަށް ހިޖުރަކުރި ގޮތާ މެދު ދޮގުހެދުމާއި ގީނީގައި ގޭންގެއްގެ މީހުން ވެގެން އޭނާ ރޭޕްކުރި ކަމަށް ދެއްކި ވާހަކަތައް ފާހަގަކޮށްލެވެ އެވެ.

އަންހެން މީހާގެ ފަރާތުން ފާހަގަކުރެވުނު އެހެން ކަންތައްތަކުގެ ތެރޭގައި އޭނާގެ ތަހުގީގުގައި ވާހަކަ ދައްކަމުން ގޮސް ރޯން ފަށާފައި އެންމެ ފަހުން ތަޅުން މައްޗަށް ވެއްޓުމާއި ޕްރޮސެކިއުޓަރުންނަށް ވަގުތު ނުދީ އެތައް ދުވަހެއް ވަންދެން ފިލައި ހުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

މިފަހަރު ޕްރޮކިއުޓަރުންނަށް ލިބިގެން މިއުޅޭ ފޯން ކޯލުގެ ސަބަބުން، ސޮފިޓެލް ނިއުޔޯލް ހޮޓެލްގެ 2806 ވަނަ ސުއިޓް( ކޮޓަރި)ގައި ހިނގި ހާދިސާގެ މާލީ ފައިދާއެއް ނަގަން އުޅޭ ކަމަށް މިވަނީ ބެލެވެން ފަށައިފަ އެވެ.

ކޮންމެ އަކަސް ސްޓަރައުސް ކާން އޭނާ ހުރި ބޮޑު މަގާމުން އިސްތިއުފާދޭން ޖެހުމުގެ ސަބަބެއް ކަމަށްވާ އެ އަންހެން މީހާ ދައްކާ ވާހަކަ ދިމާނުވުމުގެ ސަބަބެއް ނޭނގެ އެވެ. އެއީ އޭނާ އަމިއްލައަށް ހަމަ ގަސްދުގައި ކުރާކަމެއް ކަން ނުވަތަ ނޫންކަން ވެސް އެނގޭނީ އަދި ފަހުންނެވެ. އަދި ސްޓްރައުސް ކާންއަށް ކުރިމަތިވެގެން މިއުޅެނީ ސިޔާސީ ހަމަލާއެއްކަން ނުވަތަ ނޫންކަން ވެސް އެނގޭނީ ހަމަ ފަހުންނެވެ.