15 Mar 2017, 15:43
ރާއްޖޭގައި ހަލުވިކަމާ އެކު އިންފްލުއެންޒާ ދަނީ ފެތުރެމުންނެވެ. ކްލިނިކްތަކާއި ހޮސްޕިޓާތަކާއި ސިއްހީ ފަރުވާދޭ އެހެނިހެން ތަންތަން ވަނީ ތޮއްޖެހިފަ އެވެ. ސަލާމަތްވުމަށް އެމީހަކަށް ކުރެވުނު ކަމެއް އަންނަނީ ކުރަމުންނެވެ. މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށާއި ރައްކާތެރިކަމުގެ އެކި އިރުޝާދުތައް އެކި ފަރާތްތަކުން އަންނަނީ ދެމުންނެވެ. މުޅި ގައުމު ސިއްހީ އެލާޓަކަށް އައިސްފައިވާ މި ދަނޑިވަޅުގައި އިންފްލުއެންޒާ އާ ގުޅޭ ގޮތުން ކުރާ އާންމު ސުވާލުތަކާއި ޖަވާބުތައް މި ލިޔުމުގައި ގެނެސްދޭނަމެވެ. މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ޖަވާބުތަކެވެ.
އިންފްލުއެންޒާ އަކީ ކޮބާ؟
އިންފްލުއެންޒާ އަކީ އިންފްލުއެންޒާ ވައިރަސް އަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރުދަފުސް ރޯގާ ފަދަ ބައްޔެކެވެ. އެ ބަލީގެ ސަބަބުން ގިނަ މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާ ޖެހުނު ނަމަވެސް މަދުބަޔަކަށް ބަލީގެ ހާލަތު ބޮޑުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި ކުރުވަ އެވެ. އަދި ކޮންމެ އަހަރަކު ވެސް ވަކި ދުވަސްވަރެއްގައި އިންފްލުއެންޒާ ޖެހޭ މިންވަރު އިތުރުވެ އެވެ.
އިންފްލުއެންޒާގެ އަލާމާތްތަކަކީ ކޮބާ؟
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ކެއްސުމާއި ކަރުގައި ރިއްސުމާއި ނޭފަތުން ފެންއައުން ނުވަތަ ނޭފަތް ބެދުމާއި ގައިގައި ރިހުމާއި ބޮލުގައި ރިހުމާއި ވަރުދެރަވުން ހިމެނެ އެވެ.
އިންފްލުއެންޒާ ފެތުރެނީ ކިހިނެއް؟
އިންފްލުއެންޒާ ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ވައިގެތެރެއަށްދާ އިންފްލުއެންޒާ ޖަރާސީމު އެކުލެވޭ ކުޅު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. އޭގެ އިތުރުން ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށް ފަހު އަނގަޔާއި ނޭފަތުގައި އަތް ލުމުން ވެސް އެ ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަދެ އެވެ.
އިންފްލުއެންޒާ ޖެހުމަށް ފަހު އަނެކާއަށް އެބަލި ފެތުރޭނެ މުއްދަތަކީ ކޮބާ؟
އާންމު ގޮތެއްގައި ބަލިޖެހުމަށް ފަހު އޭގެ އަލާމާތްތައް ފެންނަންފެށުމުގެ އެއް ދުވަސް ކުރިން ފެށިގެން އަލާމާތްތައް ފެންނަތާ ގާތްގަނޑަކަށް ފަހަކާއި ހަތް ދުވަސް ވަންދެން އެހެން މީހަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ. އެހެންނަމަވެސް ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުން މިއަށް ވުރެ ގިނަ ދުވަސްވަންދެން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ.
އިންފުލުއެންޒާ ޖެހިގެން ނުރައްކާވާ ހާލަތްތަކަކީ ކޮބާ؟
އިންފްލުއެންޒާގެ ނުރައްކާތަކުގެ ތެރޭގައި ނިއުމޯނިއާ (ފުއްޕާމޭގެ އިންފެކްޝަން) އާއި ކަންފަތުގެ އިންފެކްޝަނާއި ސައިނަސް އިންފެކްޝަނާއި ގައިން ފެންމަދުވުމުގެ އިތުރުން ފުއްޕާމޭގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތަކަށް ފަރުވާކުރަމުން އަންނަ ބަލިމީހުންގެ ބަލިހާލަތު އިތުރަށް ދަށްވެ އެވެ.
އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ އަކީ އެކައްޗެއްތޯ؟
އާދައިގެ ރޯގާއާއި އިންފްލުއެންޒާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް މިއީ ތަފާތު ދެ ވައިރަސް އަކުން ޖެހޭ ބަލިތަކެވެ. އެހެންނަމަވެސް އާދައިގެ ރޯގާ އަށްވުރެ އިންފްލުއެންޒާ ޖެހުމުން ކުރާ އަސަރު މާބޮޑެވެ.
މިހާރު ފެތުރެމުންދަނީ 2009 ވަނަ އަހަރު ފެތުރުނު ސްވައިން ފްލޫތޯ؟ އަދި ހާލަތު އެހާ ނުރައްކާތެރިތޯ؟
ދެހާސް ނުވަވަނަ އަހަރު އިންފްލުއެންޒާ ޕެންޑަމިކް ފެތުރުނީ އެޗްވަންއެންވަން ސަބްޓައިޕްގެ ސަބަބުންނެވެ. އޭގެ ފަހުގައި އެ ސަވްޓައިޕް ފެތުރެމުން އަންނަނީ މޫސުމީ ރޯގާއެއްގެ ގޮތުގަ އެވެ. އެޗްވަންއެންވަން ބަލި އެންމެ ފުރަތަމަ ދުނިޔޭގައި އިންސާނުންނަށް ފެތުރިފައި ވަނީ އޫރުގެ ޒަރީއާއިންނެވެ. އެހެންވެ މި ބައްޔަށް ސުވައިން ފްލޫއޭ ކިޔުނެވެ.
މި ބަލި ފުރަތަމަ އަލަށް ފެތުރިގެން ދިޔައިރު، އިންސާނުންގެ ކިބައިގައި މިފަދަ ބައްޔަކަށް ދިފާއީ ބާރު ނެތުމުން މިބަލި ފެތުރިގެން ދިޔައީ ވަރަށް ހަލުވިކަމާ އެކުގަ އެވެ. ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި މިބަލި ފެތުރޭގޮތަށް ބަދަލުއައިސް މިހާރު މިއުޅޭ އިންފުލުއެންޒާ އަކީ ސްވައިން ފްލޫފަދަ ނުރައްކާތެރި ބައްޔެއް ނޫނެވެ.
އިންފްލުއެންޒާ އަކީ ކުރައްކާތެރި ބައްޔެއްތޯ؟
އާންމު ގޮތެއްގައި މި ބައްޔަކީ ވަކި ހާއްސަ ފަރުވާއެއް ނުކުރިޔަސް ހަފްތާއެއްގެ ތެރޭގައި ފަސޭހަވެދާ ބައްޔެކެވެ. އެހެންނަމަވެސް ކުޑަކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް މި ރޯގާގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ.
އިންފްލުއެންޒާ އަށް ފަރުވާއެއް އޮވޭތަ؟
އިންފްލުއެންޒާ އަށް ވަކި ހާއްސަ ފަރުވާއެއް ނޯވެ އެވެ. ނަމަވެސް ބަލީގައި ސީރިއަސްވާ މީހުންނަށް ޑޮކްޓަރުގެ ލަފާގެމަތިން އެންޓި ވައިރަލް ބޭސް ދެވިދާނެ އެވެ.
އިންފްލުއެންޒާ ޖެހުމުން ނުރައްކާވާނެ ފަރާތްތަކަކީ ކޮބާ؟
އިންފްލުއެންޒާ ޖެހުމުން ނުރައްކާވާ މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި ކުޑަކުދިންނާއި (ހާއްސަކޮށް ފަސް އަހަރުން ދަށުގެ ކުޑަކުދިން) އުމުރުން ދުވަސްވީ މީހުންނާއި (65 އަހަރުން މަތީ މީހުން) ފުއްޕާމޭގެ ބަލިތައްފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށީވެފައިވާ މީހުން ހިމެނެ އެވެ.
އިންފްލުއެންޒާ އިން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމަކީ ކޮބާ؟
އިންފުލުއެންޒާ އިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި އިންފްލުއެންޒާ ވެކްސިން ޖެހިދާނެ އެވެ. މި ވެކްސިން އާންމުގޮތެއްގައި އުފައްދަނީ ކޮންމެ އަހަރަކު އެ ދުވަސްވަރެއްގައި ފެތުރޭ ވައިރަސްގެ ވައްތަރަކަށް ބިނާކޮށްފަ އެވެ.
އިންފްލުއެންޒާ ޖެހިއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ނަމަ ހަދަންވީ ގޮތަކީ ކޮބާ؟
އިންފްލުއެންޒާ ޖެހިއްޖެ ނަމަ ނުވަތަ ޝައްކުކުރެވޭ ނަމަ ގޭގައި މަޑުކޮށްލުން (އެންމެ މަދުވެގެން ހުން މަޑުވާތާ 24 ގަޑިއިރު) އަދި އޮފީހާއި ސްކޫލަށް ނުދިއުން.
އިންފްލުއެންޒާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ގެއިން ނުކުންނައިރު މާސްކް ބޭނުންކުރުން. ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމުކުރުން. ހުން އައިސް ގައިގައި ރިއްސާ ނަމަ ހަމައެކަނި ޑޮކްޓަރުގެ ލަފާ ލިބެންދެން ހަމަ އެކަނި ޕެރަސެޓަމޯލް ބޭނުންކުރުން. އާންމުން އެންވެއުޅޭ ތަންތަނަށް ނުދިއުން.
ބަލީގެ އަލާމާތްތައް ފެންނަތާ ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތް ލިބިގަތުން. ގިނަގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން. ކެއްސާ ކިނބިހި އަޅާއިރު ރުމާލަކުން ނުވަތަ ޓިޝޫއަކުން ނޭފަތާއި އަނގަ ނިވާކުރުން. އަނގަޔާއި ނޭފަތާ ލޮލުގައި އަތްލުން މަދުކުރުން ހިމެނެ އެވެ.
މަތީގައި ގެނެސްދިން ސުވާލުތަކުގެ ޖަވާބަކީ އެޗްޕީއޭ އިން ދީފައިވާ ޖަވާބުތަކެވެ. އެހެންކަމުން މި ބަލި ފެތުރުނަ ނުދިނުމަށް މި އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކުރަމާ ހިނގާށެވެ.