15 Mar 2017, 14:59
ބާލިން (މާޗް 15) : ތުރުކީގެ އިސް މަސްއޫލުވެރިން ޖަރުމަނަށް ޒިޔާރަތްކުރުން މަނާކުރާނެ ކަމުގެ ސީދާ އިޝާރާތެއް ޖަރުމަނު ސަރުކާރުން ދީފި އެވެ.
ޖަރުމަނު ގެ ޗާންސެލަރ (ބޮޑުވަޒީރު) އެންގެލާ މާކަލްގެ އޮފީހުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޕީޓާ އެލްޓްމަޔާ ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކުގެ އިސް މަސްއޫލުވެރިން ޖަރުމަނަށް ވަނުން މަނާކުރުމާމެދު ވަރަށް ސިރިޔަސްކޮށް ވިސްނަމުންދާ ކަމަށާއި މިކަންކުރުމުގެ ގާނޫނީ ހުރިހާ ބާރުތަކެއް ސަރުކާރަށް ލިބިގެންވާކަމުގަ އެވެ. މިއީ ތުރުކީ އަށް އިޝާރާތް ކުރައްވައި އެލްޓްމަޔާ ދެއްވި ބަޔާނެއްކަމަށް ޖަރުމަނުގެ މީޑީޔާ ގްރޫޕެއްކަމަށްވާ "ފޮންކާ" އިން ބުނެފައިވެ އެވެ.
އެލްޓްމަޔާއާ ހަވާލާދީ "ފޮންކާ" އިން ބުނީ ޖަރުމަނާ ދެކޮޅަށް ދޮގުތުހުމަތުތައްކޮށް ޖަރުމަނު ބަދުނާމުކުރާ ގައުމުތަކުގެ އިސްވެރިން މިކަމާމެދު ވިސްނަން ޖެހޭނެކަމުގަ އެވެ.
ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ޓަކައި އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓްގައި ރިޔާސީ ނިޒާމަށް ވޯޓުދިނުމަށް އެދި ކޭންޕޭން ކުރެއްވުމަށް ޓަކައި ޖަރިމަނުގައި ދިރިއުޅޭ ތުރުކީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ތުރުކީގެ ބައެއް މަސްއޫލުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޖަރުމަނު ސަރުކާރުން ވަނީ ހުރަސްއަޅާފަ އެވެ. ކޭންޕޭން ބައްދަލުވުންތައް ބޭއްވުމަށް ތުރުކީގެ މަސްއޫލުވެރިން މަސައްކަތްކުރެއްވީ ޖަރުމަނުގެ އެކި ސިޓީތަކުގައި ހުންނަ ތުރުކީގެ ކޮންސިއުލޭޓްތަކުގަ އެވެ.
ކޮންސިއުލޭޓްތަކަކީ ވިއެނާ ކޮންވެންޝަންގެ ދަށުން ކޮންސިއުލޭޓްތައް ނިސްބަތްވާ ގައުމުތަކުގެ ތަންތަނަށް ކަމަށްވާތީ އެތަންތަނުގެ އެތެރޭގައި މިފަދަ ކޭންޕޭން ކުރުން ހުއްދަވާނެ ކަމަށް ތުރުކީ ގެ މަސްއޫލުވެރިން ވިދާޅުވެ އެވެ. ނަމަވެސް ޖަރުމަނު ސަރުކާރުން ވަނީ ކޮންސިއުލޭޓްތަކުގައި ވެސް އަދި އެހެންތަނެއްގައި ވެސް ރިޔާސީ ވޯޓުގެ ކޭންޕޭން ކަމެއް ތުރުކީއަށް ނުކުރެވޭނެ ކަން ރަސްމީ ސިފައެއްގައި ތުރުކީ ސަރުކާރަށް އަންގައި ކޭންޕޭން ކުރައްވަން އުޅުއްވި ތުރުކީގެ ބައެއް މަސްއޫލުވެރިންނަށް ހުރަސްއަޅާފަ އެވެ.
މިމައްސަލާގައި ކޯފާވެގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލްގެ ސަރުކާރަށް ބަހުގެ ވަރަށް ހަރުކަށި ހަމަލާތަކެއް ދެއްވާފަ އެވެ. މިހަމަލާތަކުގައި އުރުދުޣާންވަނީ ޖަރުމަނަކީ އަދިވެސް ހިޓްލަރުގެ ނާޒީ ސްޓައިލަށް ވެރިކަންކުރާ ގައުމެއް ކަމަށް ސިފަކުރައްވާފަ އެވެ. މީގެ އިތުރުން ތުރުކީގެ ރައީސް ވަނީ ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތު ވެސް ޖަރުމަނު ސަރުކާރުގެ މައްޗަށް ކުރައްވާފަ އެވެ.
މިއީ ތުރުކީގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައިމަދު ކުރުދީންގެ ސިޔާސީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޕީކޭކޭ ޖަމާއަތާ ދެކޮޅަށް ޖަރުމަނު ސަރުކާރުން ހަރަކާތްތެރި ނުވާތީ އުރުދުޣާން ކުރެއްވި ތުހުމަތެކެވެ. ޕީކޭކޭ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ޖަރުމަނުން ގަބޫލު ކުރެއެވެ. ނަމަވެސް ތުރުކީގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައިމަދު ކުރުދީންގެ އިންސާނީ ސަގާފީ އަދި ސިޔާސީ ހައްގުތަކަށް ތުރުކީ ސަރުކާރުން އަރައިގަންނަމުންދާ މައްސަލާގައި ޖަރުމަނުން ގެންދަނީ އުރުދުޣާންގެ ސަރުކާރު ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ.
މީގެއިތުރުން ތުރުކީ ގެތެރެއިން ލާފައި ޖަރުމަނަށް ރެފިއުޖީން ހިޖްރަކުރާ މައްސަލާގައިވެސް ދެގައުމުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޖަރުމަނުގެ މިހާރުގެ ސަރުކާރުން ހިޓްލަރުގެ ނާޒީ ސްޓައިލަށް ވެރިކަންކުރާ ކަމަށް ތުހުމަތު ކުރުމާގުޅިގެންނާ އަދި ޖަރުމަނުން ޓެރަރިޒަމަށް އެހީތެރިވާ ކަމަށް އުރުދުޣާން ތުހުމަތުކުރެއްވުމާ ގުޅިގެން ޖަރުމަނުގެ މަސްއޫލުވެރިންވަނީ ވަރަށް ބޮޑަށް ކޯފާވެފަ އެވެ. ތުރުކީގެ އިސް މަސްއޫލުވެރިން ޖަރުމަނުވިލާތަށް ޒިޔާރަތްކުރުން މަނާކުރާނެ ކަމުގެ ސީދާ އިޝާރާތެއް ޖަރުމަނުގެ މަސްއޫލުވެރިޔާ ޕީޓާ އެލްޓްމަޔަރ ދެއްވީ މިމައްސަލާގައި ކޯފާވެގެންނެވެ.
ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމެއްކަމަށްވާ ނެދަރލޭންޑްސް އާއި ތުރުކީއާ ދެމެދުވެސްވަނީ މިމައްސަލާގައި ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދެގައުމުގެ ގުޅުންތައް ގޯސްވީ ތުރުކީގެ ރިޔާސީ ކޭންޕޭނަށްޓަކައި ނެދަރލޭންޑްސް އަށް ޒިޔާރަތް ކުރައްވަން އުޅުއްވި ތުރުކީގެ ވަޒީރެއްކަމަށްވާ ފާތިމާ ބަތޫލް ނެދަރލޭންޑްސް އިން ބޭރުކޮށްލުމާ ގުޅިގެންނާއި ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ދަތުރުކުރެއްވި މަތިންދާބޯޓު ނެދަރލޭންޑްގެ އެމްސްޓަޑަމް އެއަރޕޯޓަށް ޖެއްސުން މަނާކުރުމާ ގުޅިގެންނެވެ.
މިމައްސަލާގައި ތުރުކީން ވެސްވަނީ ނެދަރލޭންޑްސްގެ އިސް މަސްއޫލުވެރިން ތުރުކީއަށް ވަނުން މަނާކޮށްފަ އެވެ. ތުރުކީއާއި ޔޫރަޕްގެ ގައުމުތައް ޖެހި ދެފަރާތުގެ ދެމެދުގައި ގުޅުންތައް ގޯސްވަމުންދާ މައްސަލާގައި އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އެމެރިކާ ވަނީ މައްސަލަ ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާނެކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތައް)