މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް އެއް އަހަރު ދުވަސް ވީއިރު އެ ކޯޕަރޭޝަނަށް ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މުހިއްމު މަސައްކަތްތަކެއް ރޭވިފައި ހުރި ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ާރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ 15 ވަނަ ދުވަހުއެވެ.

ކޯޕަރޭޝަން އުފެދުނުތާ އަހަަރު ދުވަސް ފާއިތުވުމާ ގުޅިގެން އެ ކޯޕަރޭޝަނުން ބުނެފައިވަނީ ވޭތުވެ ދިޔަ އެއް އަހަރަކީ ކާމިޔާބު އެއް އަހަރު ކަމަށާއި ކުޅިވަރު ގާނޫނުން ކޯޕަރޭޝަނާ މަތިކޮށްފައިވާ ގިނަ ކަންތައްތަކެއް ހާސިލް ކުރެވިގެން ދިޔަ ކަމަށެވެ.

"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ކޯޕަރޭޝަނެއްގެ ސިފަވަންތަކަން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ގެނެވި، އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އެޅި މުޅިން އަލަށް ވުޖޫދު ކުރެވުނު މި ކޯޕަރޭޝަނަށް ބޭނުންވާނެ ފަންނީ އަދި ޤާބިލް މުވައްޒަފުން ހޯދުމާއި މަސައްކަތްތެރި ޓީމެއް ބިނާކުރުމާއި، އިދާރީ އެކިއެކި އުސޫލުތަކާ ޤާވާއިދުތައް އެކުލަވާލެވި މުޅި ކޯޕަރޭޝަން އޮޓޯމޭޝަނަށް މިދިޔަ 1 އަހަރު ތެރޭގައި ގެނެވިފައިވުމީ ސްޕޯޓްސް ކޯޕަރޭޝަނުން ހޯދާފައިވާ ކާމިޔާބީއެއް،" އެ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ 22 ކުޅިވަރު އެސޯސިއޭޝަންގެ ތެރެއިން 16 ކުޅިވަރު އެސޯސިއޭޝަން ބައިވެރިކޮށްގެން ހާއްސަ އިޖުލާސެއް ބާއްވައި އެސޯސިއޭޝަންތަކުން ޙާޞިލްކޮށްފައިވާ ކާމިޔާބީތަކާއި، ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް އޮތް ޙައްލުތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ގޮސްފައިވާ ކަމަށެވެ. އަދި އެއީ ފަސޭހަ ކަމެއް ނޫންކަމަށާއި އެފަދަ ކާމިޔާބު މަހާސިންތާއެއް ބޭއްވިގެންދިޔުމަކީ ކާމިޔާބީއެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

"އަހަރުތަކަކަށްފަހު ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކެއް އެއްފުރާޅެއްގެ ދަށަށް ގެނެސް ކުޅިވަރު އިޖުލާސެއް ބޭއްވުމަކީ ޚިޔާލަށް ގެނައުމަށްވެސް ދަތި ކަމެއް، ނަމަވެސް އެ މަހާސިންތާވެސް ބާއްވައި މުހިއްމު ކަންތައް ތަކާއި މެދު މަޝްވަރާ ކުރެވުމަކީ ކާމިޔާބީއެއް،" ބަޔާނުަގއި ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ މިއަރު ތެރޭގައިވެސް މުހިއްމު ކަންތައް ތަކެއް ރޭވިފައި އެބަހުރި ކަމަށާއި އޭގެތެރޭގައި ރަނގަޅު ކަސްރަތުގެ ބޭނުންތެރިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި ކުޅިވަރަށް ޙާއްސަކޮށްގެން 2017 ވަނަ އަހަރުގެ ތެރޭގައި ފިޓްނަސް ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ރާއްޖެއަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތަކާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށްވެސް ރާއްޖޭގެ ކުޅިވަރާ ބެހޭ ކޯޕަރޭޝަނުން މި އަހަރު ތެރޭ އިތުރު މަސައްކަތްތަކެއް ކުރަން ވަނީ ރާވާފައި ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.