02 Jul 2011, 17:10
މާދަމާ މާލޭގައި ފަށަން އޮތް އެމްވީކޭ ބަސްތަކުގެ ދެވަނަ ރޫޓުގެ ދަތުރުތައް ފެށުން ފަސްކޮށްފި އެވެ.
އެމްވީކޭގެ އޮފިޝަލް، ހާމިދު ނަސީމް މިއަދު ވިދާޅުވީ މަޖީދީ މަގާއި އަމީނީ މަގުގައި ބަސް ދަތުރުތައް މާދަމާ ފަށަން ކުރިން ނިންމާފައި އޮތް ނަމަވެސް ބައެއް ދަތިތައް ދިވާމުގެ ސަބަބުން އެ ރޫޓުގެ ދަރުތައް ފެށެން އަދި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދެ ވަނަ ރޫޓުގައި ބަހުގެ ހިދުމަތް ދޭން މާދަމާ ނުފެށުނު ނަމަވެސް ވަރަށް އަވަހަށް އެ ދެ މަގުގައި ބަސް ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ.
އެމްވީކޭއިން ބަސް ދަތުރުތައް މާލޭގައި ފެށީ މިދިޔަ މަހުގެ 23 ގަ އެވެ. ބޮޑުތަކުރުފާނު މަގުގެ ބައެއްގަ އާއި މަޖީދީމަގާއި ސޯސަން މަގާއި ފަރީދީ މަގާއި އޯކިޑް މަގުގަ އެވެ.
ބަހުގެ ހިދުމަތް މާލޭގައި ފަށައިގެން ކުރިއަށްގެންދާއިރު މިވަގުތު ދިމާވެފައިވާ މައްސަލައަކީ ބަސް ދަތުރުކުރާ މަގުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެހި ޕާކްކޮށްފައި ހުންނަ މައްސަލައާއި މަގު ބަންދުކޮށްފައި ހުންނަ މައްސަލަ ކަމަށްވެސް އެމްވީކޭއިން ބުނެ އެވެ.