13 May 2010, 10:12
14:30
ތާލިބާނުންގެ ތެރެއިން ހަނގުރާމަކުރުން ދޫކޮށްލައި ސުލްހަވެރިކަން އިޚްތިޔާރުކުރާ މީހުންނަށް އަފްޣާނިސްތާނު ސަރުކާރުން ދޮރުތަކެއް ހުޅުވާލުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.
އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އޭނާއެކު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވަނީ އަފްޣާނިސްތާނު ސަރުކާރުން ތާލިބާނުންގެ ތެރެއިން ހަނގުރާމަކުރުން ދޫކޮށްލާ މީހުންނަށް ސަރުކާރުގެ ވަޒީފާތައް ހުށަހަޅައި އެފަދަ މީހުންނަށް މާލީގޮތުން އެހީތެރިވުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާފަ އެވެ. އަދި އަފްޣާނިސްތާނަށް ލިބެމުންދާ ކުރިއެރުންތަކަށް އަލިއަޅުވާލައްވައި، އަދިވެސް އެގައުމުން ކުރިމަތިލާން ޖެހޭ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެގައުމަށް އަބަދުވެސް އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
މިނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކަރުޒާއީ ވިދާޅުވެފައިވަނީ ގައުމު ތަރައްގީކުރުމަށް އަދިވެސް ބައެއް އިތުރު ވަސީލަތްތަކެއް އެގައުމަށް ބޭނުންވެފައިވާ ކަމަށާއި ތަރައްގީގެ މަގުގައި އެމެރިކާގެ އެހީއާއެކު ކުރިއަށް ދާން ތައްޔާރަށް ހުންނެވި ކަމަށެވެ.
ކަރުޒާއީ އެމެރިކާއަށް ކުރައްވާ މިދަތުރުފުޅުގައި އެމެރިކާގެ ސެނެޓުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.