15 Mar 2017, 14:53
ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި މީހަކު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
އެ މައްސަލާގައި ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ، މޭވާގެ، އަހްމަދު ހުސައިން (26އ) އެވެ. އޭނާ ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އަހްމަދު ހުސައިންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ފުލުހުން އޭނާ ގާތު މަޑު ކުރުމަށް އެންގުމުން މަޑު ނުކޮށް ފިލައިގެން ދިއުމާ ގުޅިގެންނެވެ.
ޝަރީއަތުގެ މަރުހަލާގައި އެ ދައުވާއަށް އޭނާ އިންކާރުކޮށްފައިވީ ނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އަދި އެމީހާ މައްސަލައިގެ ތަހުގީގަށް ދީފައިވާ ބަޔާނުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.
އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.