15 Mar 2017, 12:41
އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުނު ކަމުގައިވިޔަސް ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ދަށުން އެއިރެއްގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިއަދު ސަން އަށް ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު މީޑިއާ އިން ލިބިފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅަން އުޅޭނަމަ އެކަން ކުރަން އެއުޅެނީ އޭނަ އަށް ބިރުދައްކައިގެން މަޖިލީހުގެ ރިޔާސަތުންް ވަކި ގޮތަކަށް ކަންތައްތައް ކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ވާނެކަމެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ގަދަބާރުން ދައުލަތުގެ މުއައްސަސާތަކަށް އަރައިގެން އެތަންތަނުގެ ކޮންޓްރޯލް ނެގުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށް މޫސަ ވަނީ ތުހުމަތު ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، މަސީހު މަޖިލީހުގެ ގަވާއިދާ ޚިލާފުވި ކަމަށް ދެކެނީ ސަރުކާރާ އިދިކޮޅު މެމްބަރުން ކަމަށާއި މެޖޯރިޓީ މެމްބަރުން އެގޮތަށް ގަބޫލު ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވުމަކީ ރާއްޖެ ވިއްކާލުން ކަމަށް ބުނެ ވާހަކަދެއްކުގެ އެއްވެސް ހައިސިއްޔަތެއް އެމްޑީޕީއަށް ލިބިގެންނުވާ ކަމަށެވެ. ސަބަބަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް މިލްކުކުރެވޭގޮތް ހެދުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްފައި ވަނީ އެމްޑީޕީގެ މެމްބަރުން ވެސް ވޯޓު ދެއްވައިގެން ކަމުގައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.