ސްވައިން ފްލޫއަށް ޝައްކު ކުރެވިގެން އައިޖީއެމްއެޗަށް ގެނެސް، ރޭ ސިޒޭރިއަން ހެދި އަންހެން މީހާއާއި އޭނާގެ ބަނޑުން ނެގި ހަ މަހުގެ ދަރިފުޅުގެ ހާލު ދެރަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހޯމަ ދުވަހު ހދ. ކުޅުދުއްފުށިން އެ މާބަނޑު އަންހެން މީހާ މާލެ ގެނައި އިރު، އޭނާގެ ކިބައިން އިންފްލުއެންޒާގެ އަލާމާތްތައް ފެންނަމުން ދިޔަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭނާ އެ ބައްޔަށް ޓެސްޓު ކުރަމުންދާ އިރު، އިންފްލުއެންޒާ އެޗްވަންއެންވަންއަށް ޕޮޒިޓިވް ވިކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އައިޖީއެމްއެޗުގެ މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް "ސަން"އަށް ވިދާޅުވި ގޮތުން، ރޭ އެ އަންހެން މީހާގެ ސިޒޭރިއަން ހަދައި، ދަރިފުޅު ނަގާފައިވާ އިރު، ދެމައިންގެ ހާލު ދެރައެވެ. އަދި މިހާތަނަށް ވެސް ހާލު ރަނގަޅުވަމުން ނުދާ ކަމަށާއި، ކޮންޑިޝަން އޮތީ އެއްވަރެއްގައި ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، މި އަންހެން މީހާ އެޗްވަންއެންވަންއަށް ޕޮޒިޓިވްކަން ނުވަތަ ނޫންކަން އައިޖީއެމްއެޗަށް ނޭނގޭ ކަމަށާއި، އެ މައުލޫމާތު އެނގޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ކަމަށެވެ.

އެޗްޕީއޭއަށް ގުޅޭގޮތް ވެފައެއް ނުވެއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި، ހާލު ދެރަވެގެން ބަނޑަށް ހަ މަހުގައި ސިޒޭރިއަން ހެދި އަންހެން މީހާ މިވަގުތު އޮތީ އައިސީޔޫގައި، ވެންޓިލޭޓަރުގައެވެ. އަދި ދުވަސް ނުފުރައި، ބަނޑުން ނެގި ދަރިފުޅަށް އައިޖީއެމްއެޗުގެ ނިއޮނޭޓަލް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

މި މީހާގެ އިތުރުން، މާބަނޑު މީހަކަށް އެޗްވަންއެންވަން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ހޯމަ ދުވަހުގެ ރޭ ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އިތުރު ކުޑަކުއްޖެއްވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.