ހުމާއި ރޯގާ އިތުރުވުމާއެކު ސްކޫލުތައް ބަންދުވެފައިވާއިރު އަންނަ ހަފްތާއަކީ ކިޔަވާކުދިންގެ މިޑްޓާމް ބަންދެވެ. އެތައް ބަޔަކު އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ދިއުމަށް ވަނީ ނިންމާފައެވެ. ކޮންމެ ބަންދަކާއެކު ހިތްފަސޭހަ މައިދާންތަކަށް ގޮސް އުޅުމަކީ އެތައް ބައެއްގެ އާދައެކެވެ. ނަމަވެސް މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާގެ ސަބަބުން، ބޭރަށް ދިއުމާއި ޕާކުތަކަށް ގޮސްއުޅުންފަދަ ކަންކަން ނުކޮށް ގުރުބާނީއެއް ވާންޖެހެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިލްތިމާހަކީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމެވެ. އަދި ގިނަ ބަޔަކު އެއްވެ އުޅުމުގެ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކުރެއެވެ.

މާޗް 14، 2017: މިދުވަސް ވަރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާގައި ހުން އައިސް ރޯގާ ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ފޮޓޯ/ ފަޔާޒު މޫސާ

ރޯގާގެ ކަންތައް ބޮޑަށް އޮތީ މާލޭގައި ކަމަށްވާއިރު ޗުއްޓީގައި އެތައް ބަޔަކު އަތޮޅުތެރޭ ރަށްރަށަށް ދިއުމަކީ މިވަގުތު އެވަރަށް ރޯގާގެ ކަންތައް ނެތް ރަށްރަށުގައި ރޯގާ ފެތުރި އިތުރު ބަޔަކަށް މިތަކުލީފް ފޯރަފާނެ ކަމެކެވެ.

ބަންދާއެކު ރާއްޖެއިން ބޭރަށް ދަތުރުތައް ކުރާއިރުވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަވައްޓެރި ގައުމުތަކުގައިވެސް މިރޯގާ ބާރު މިނެއްގައި ފެތުރެމުންދާތީއެވެ.

ސްކޫލު ބަންދާއެކު ހިތްގައިމު ޕާކްތަކަށް ގޮސް ސަކަރާތް ޖަހައި މަޖާ ކުރުމަކީވެސް އެތައް ކުދިންނެއް ލޯބިކުރާކަމެއްކަމުގައި ވިޔަސް މިއަދު އޮތްހާލަތުން އެކަން ކުރުން ރައްކާތެރިއެއް ނޫނެވެ.

އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި ކޮންމެހެން ދާންޖެހިގެން ނޫނީ ބަލިމީހުން ތިބޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ސްވައިން ފްލޫ ޖެހިފައިވާ ނަމަ އެހެން މީހުނަށް ބަލި ޖެހުނަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ---

ބަލިޖެހިފައިވާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަންކަން:

  • ކެއްސާ ކިނބިހި އަޅާއިރު އަތާއި ނޭފަތް ނިވާކުރުން
  • ސައިބޯނި ލައިގެން އަތްދޮވެ ސާފްކޮށް ހުރުން
  • ރޯގާޖެހި ކެއްސާނަމަ އާންމުން އުޅޭ ތަންތަނަށް ނުދިއުން
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިން އުރައި ނޫޅުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވޭނެ ފަރުވާތަކުގެ ތެރޭގައި ގިނައިން ދިޔާތަކެތި ބޭނުންކުރުން މުހިންމެވެ. އެގޮތުން ކަޅު ސަޔާއި ލުނބޯ އަދި އިނގުރާއި މާމުއި އަޅައިގެން ބުއިންތައް ބޭނުންކުރުން މުހިންމެވެ. ހުންގަދަ ނަމަ ހަށިގަނޑުގައި ފެން ހޭކުމާއި ޕެރެސެޓަމޯލް ފިޔަވައި އިތުރު ބޭހެއް ބޭނުން ނުކުރުން މުހިންމެވެ.

ހުންއައިސް ރޯގާޖެހިފައި ހުންނަތާ ތިން ދުވަހަށްވުރެ ގިނަދުވަސްވާނަމަ ޑޮކްޓަރުންގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އައިޖީއެމްއެޗްގެ ފުލޫ ކްލިނިކް 24 ގަޑިއިރު ހުޅުވާފައި ހުންނައިރު އޭޑީކޭއާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އަތޮޅުތެރޭ ސިއްހީ އިދާރާތަކުން ވެސް ދަނީ ފަރުވާދެމުންނެވެ.

ހާލަތު ބަދަލުވެފައިވާގޮތުން މިފަހަރުގެ ޗުއްޓީއަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް އެހާ ބުއްދިވެރި ޗުއްޓީއެއް ނޫނެވެ. ތިމާއަށް ރޯގާޖެހިފައިވާނަމަވެސް އަދި ރޯގާނުޖެހި ތިބި ފަރާތްތަކުންވެސް ގޭގައި ތިބުން މުހިންމެވެ. އެއްބާރުލުންދޭށެވެ. ފަރުދީ ޒިންމާ ނަގާށެވެ.