02 Jul 2011, 17:11
ޑެންގޫ ހުން ޖެހިގެން ރާއްޖޭގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ރެކޯޑް ކުރާ ކުދިންނާއި މީހުންގެ ސައްހަ މަޢުލޫމާތު ނޭނގޭތީ ހުރިހާ ރަށެއްގެ ގެއިން ގެއަށް ހިނގައިގެން ސައްހަ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ޑެންގޫ ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، އުފެއްދެއްވި ޤައުމީ ޓާސްކް ފޯހުން ބުނެފި އެވެ.
މީގެ ދެ ދުވަސް ކުރިން ރާއީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފެއްދެއްވި ޓާސްކް ފޯހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޢޫލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އަދި އެ ޓާސްކްފޯހުގެ މެންބަރު ޑރ. އަބުދުﷲ ނަޒީރު މިއަދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ޑެންގޫ ހުން ޖެހިފައި ތިބި މީހުންނާއި ކުޑަކުދިންގެ ސީދާ މަޢުލޫމާތު ސާފުކުރެވިފައި ނެތް ކަމަށާއި އަދި ރެއިން ފެށިގެން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ގެއިން ގެއަށް ހިނގައިގެން އެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކަމަށެވެ.
"މިހާރު މިހާތަނަކަށް އަޅުގަނޑުމެންނަކަށް ނޭނގޭ ރާއްޖޭގައި ޑެންގޫ ހުން ޖެހިގެންދާ ކުޑަކުދިންނާއި ބޮޑެތި މީހުންނާ ބެހޭ ސައްހަ މަޢުލޫމާތެއް. ރެއިން ފެށިގެން އަޅުގަނޑުމެން މިފެށީ ރަށްރަށުގެ ގެއިންގެއަށް ހިނގައިގެން ހެލްތު ސެންޓަރުތަކުން އެ މަޢުލާމާތުތައް އެއްކޮށް، ހޮސްޕިޓަލުތަކުން ވެސް މަޢުލޫމާތުތައް ހޯދުމުގެ މަސައްކަތް،" ޑރ. ނަޒީރު ވިދާޅުވި އެވެ.
ޑރ. ނަޒީރު ވިދާޅުވީ ޑެންގޫ އާ ބެހޭ ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މީޑިއާގެ އެހީގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ޓެކްނިކަލް ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބަލި ފެތުރުމަށް ދިމާވާ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަކިވަކި ޒޯންތަކަށް ބަހާލައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ.
އެގޮތުން އަތޮޅުތަކުގެ ވެސް ބޮޑެތި ރަށްތައް ޒޯންތަކަށް ބަހައިލައިގެން ޚާއްސަ ޓީމްތައް ފޮނުވައިގެން އެކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ވެސް 40 ސަރަހައްދަކަށް ބަހާލައި ޓީމުތައް ގޭގެއަށް ގޮސް މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ހާލަތު ދެނެގަތުމުގެ ސާވޭއެއް ގޭގެއަށް ހިނގައިގެން ރަށްރަށުގެ ކައުންސިލަރުން ކުރައްވަމުން އަންނަ ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.
އެހެންނަމަވެސް އެންމެ ހަލުއިކަމާ އެކު ޑެންގޫ ފެތުރެމުން ދަނީ ކޮން ސަރަހައްދުތަކެއްގައި ކަމެއް އަދި ސާފު ނުވާ ކަމަށާއި އެކަން މިއަދު ހަވީރުގެ ވަގުތެއްގައި ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސީސީއެޗްޑީސީގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ މިދިޔަ މަހުގެ 25 އާ ހަމައަށް 1،353 ކޭސް ޑެންގޫ ޖެހިގެން ރެކޯޑް ކޮށްފައިވާ ކަމަށެވެ.
ޑެންގޫ ހުން ކޮޓްރޯލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަން ފެށި އިރު، އެ ހުމުގައި 48 ގަޑި އިރުގެ ތެރޭގައި ހަތަރު ކުއްޖަކު ވަނީ މަރުވެފަ އެވެ.