15 Mar 2017, 10:26
މޫސުން ގޯސްވުމުގެ ސަބަބުން ލ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ ދެ އަތޮޅަށް ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލ. އަތޮޅާއި ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބުމަށް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.
އެގޮތުން ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި ގޭތެރޭގައި ފެން ބޮޑުވެއްޖެ ހިނދެއްގައި މުދަލަށް ގެއްލުން ނުވާނެ ގޮތަށް އުސްތަންތަނަށް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި ބޭނުން ނުކުރާ ނަމަ ކަރަންޓު ސާމާނު ނިއްވާލާފައި ބެހެއްޓުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ ފުރާޅު އެއްލާ ނުލާނެފަދަ ގޮތަކަށް ހެދުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރެ އެވެ. އަދި އެއްވެސް ގެއްލުމެއްވެގެން އެހީތެރިކަމަށް ބޭނުންވެއްޖެ ނަމަ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ނަމްބަރު 115 އާއި ގުޅުއްވުމަށް އެއިދާރާ އިން ވަނީ އެދިފަ އެވެ.
މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފައިވާ އިރު، އެ އިދާރާ އިން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.