15 Mar 2017, 10:00
ރޯގާ ޖެހިގެން ވޭތުވެ ދިޔަ ހަތަރު ދުވަހު އައިޖީއެމްއެޗުން 1098 މީހަކު ފަރުވާ ހޯދާފައިވާ ކަމަށް އެ ހޮސްޕިޓަލްއިން ބުނެފި އެވެ.
ހުމާއި ރޯގާ ފެތުރުން އާންމުވެފައިވާތީ އައިޖީއެމްއެޗުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ފުލޫ ކްލިނިކްއެއް ހުޅުވައިފަ އެވެ. އެ ކުލިނިކް މިހާރު ތާޖުއްދީން ސުކޫލަށް ބަދަލުކޮށް އެތަނުން އެސްޓީއޯ ބޭސް ލިބޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އައިޖީއެމްއެޗްގެ ޑިރެކްޓާ އަހުމަދު މައުސޫލް މިއަދު ސަން އަށް ވިދާޅުވީ އިއްޔެ އެކަނި ވެސް 473 މީހުން ރޯގާއަށް ފަރުވާ ހޯދާފައިވާ އިރު އިއްޔެގެ ނިޔަލަށް 1098 މީހުންނަށް ފަރުވާދީފައިވާ ކަމަށެވެ.
ފަރުވާދިން މީހުންގެ ތެރެއިން ސުވައިން ފުލޫއަށް ޕޮޒިޓިވްވި މީހުންގެ އަދަދެއް އެހޮސްޕިޓަލްއަކުން ހާމައެއް ނުކުރެ އެވެ.
ހެލްތު މިނިސްޓްރީން އެންމެ ފަހުން ތަފާސް ހިސާބުތައް ހާމަކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެދުވަހުގެ ނިޔަލަށް 251 މީހަކު ޓެސްޓްކުރި އިރު 51 މީހަކު ވަނީ ސުވައިން ފުލޫއަށް ޕޮޒިޓިވް ވެފަ އެވެ. އެބަލީގައި މިހާތަނަށް އެކަކު މަރުވެފައިވެ އެވެ.
އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލްއިން މިހާރު ވަނީ ފުލޫ ކުލިނިކްތައް ހުޅުވައިފަ އެވެ. ނަމަވެސް އެތަންތަނުން ހިދުމަތް ހޯދި މީހުންގެ އަދަދު އަދި ސާފެއްނުވެ އެވެ.