15 Mar 2017, 10:22
ރައްޔިތުންގެ ތެރެއަށް ނުކުމެ، އާންމުންނަށް ހިދުމަތް ކުރުމަށް މާ ބޮޑު ދައުރެއް ނޯންނަ ގައުމެއްގައި އެއީ ކުރިއަށް އެޅި ރަނގަޅު ފިޔަވަޅެކެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހު ސައުދީ އެރެބިޔާގެ އަލް- ގައްސިމް ޕްރޮވިންސުގައި އިފްތިތާހު ކުރި 'ގާލް ކައުންސިލް'ގައި މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސައުދީ އެރެބިޔާ އިން އާންމު ކުރި ފޮޓޯ އިން ފެންނަނީ ގާލް ކައުންސިލްގައި 13 ފިރިހެނުން ތިއްބަ އެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ކައުންސިލްގައި ހިމެނޭ އަންހެން މެމްބަރުން ތިބީ ވަކި ކޮޓަރިއެއްގަ އެވެ. އެކަނބަލުންނާ ގުޅާފައި ވަނީ ވީޑިއޯ ލިންކަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ަސައުދީ އެރެބިޔާގެ އޮންލައިން ނޫސްތަކުގައި އާންމު ކުރި ފޮޓޯތަކުން ފެންނަނީ އަންހެނުންގެ ހައްގުތަކުގެ ވާހަކަ އާއި އެ ކަނބަލުންގެ ވާހަކަ ހަމަ އެކަނި ފިރިހެން މެމްބަރަކު ދައްކާ ތަނެވެ.
ހަމަ އެފަދަ އެހެން މިސާލެކެވެ؛ ހުރިހާ ހައްގުތަކަށް ވަކާލާތު ކުރާ އެމެރިކާ އިން ވެސް ފެނުނީ އެފަދަ ދެ ވަނައެއް ނުވާ މިސާލެކެވެ. އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް އެބޯޝަން ޕޮލިސީގައި ސޮއިކުރެއްވި ފޮޓޯގެ ވަށައިގެން ވެސް މުޅިން ތިބީ ފިރިހެނުންނެވެ. އެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ވައިރަލްއެއް ހެން ވަނީ ފެތުރިގެން ގޮސް ރައީސް ޓްރަމްޕް އަށް ކިޔާ ފާޑުކިޔުންތައް އިތުރު ދަރަޖައަކަށް ގޮސްފަ އެވެ.

ޓަރަމްޕް އެބޯޝަން ޕޮލިސީގައި ސޮއި ކުރައްވާ އިރު ވަށައިގެން ފިރިހެނުން --
ސައުދީ އެރެބިޔާގައި 'ގާލް ކައުންސިލް' އިފްތިތާހުކޮށްދެއްވީ އަލް- ގައްސިމް ޕްރޮވިންސުގެ ގަވަރުނަރު، ޕްރިންސް ފައިސަލް ބިން މިޝާލް ބިން ސައުދު އެވެ. އޭނާ ވިދާޅުވީ ގާލް ކައުންސިލް އިފުތިތާހު ކުރެވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަށް އިތުރު ފުރުސަތުތައްދީ އެމީހުން ކުރިއަށް ނެރެން ބޭނުންވާ ކަމަށެވެ.
ގާލް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވީ ޕްރިންސް އަބީރު ބިން ސަލްމާން އެވެ.
މިއީ ސައުދީ އެރެބިޔާގައި މިފަދަ ކައުންސިލްއެއް އިފުތިތާހު ކުރި ފުރަތަމަ ފަހަރެވެ.
(ބީބީސީ އަދި އެހެން އެޖެންސީތައް)