15 Mar 2017, 09:26
ވޮޝިންޓަން (މާޗް 15) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައޫދީ ދިފާއީ ވަޒީރު އަދި ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާން އާ ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި އެވެ.
ރައީސް ޓްރަމްޕްގެ ސީދާ ދައުވަތަކަށް މުހައްމަދު ބިން ސަލްމާން ވައިޓް ހައުސްއަށް ވަޑައިގެންނެވުމުން ޓްރަމްޕް އޭނާއަށް މަރްޙަބާ ދެންނެވީ ގައުމުތަކުގެ އެންމެ އިސްވެރިންނަށް މަރްހަބާ ދަންނަވާ އުސޫލުންނެވެ. މުހައްމަދު ބިން ސަލްމާނަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން ކަމަށްވެފައި ސައޫދީ ރަސްކަމުގެ ނިޒާމުގައި އެންމެ ބާރުގަދަ ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނެވީ އޭނާ ކަމަށް ވުމުން މިއީ މުސްތަގްބަލްގައި ސައޫދީ ރަސްކަން ބިންސަލްމާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ބައްލަވައިގެން ޓްރަމްޕް އޭނާއަށް އަދާ ކުރެއްވި އިހްތިރާމެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.
މީގެ އިތުރުން މިއީ ސައޫދީ ވަލީއުލްއަހްދު (ކްރައުން ޕްރިންސް) މުހައްމަދު ބިން ނާޔިފްގެ ބަދަލުގައި ރަސްކަލަކަށް މުހައްމަދު ބިން ސަލްމާން އިސްކުރުމަށް އެމެރިކާގެ ރުހުންއޮތްކަން ހާމަކުރުމުގެ ގޮތުން ޓްރަމްޕް އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
މިބައްދަލުކުރެއްވުމުގައި ޓްރަމްޕް އާއި މުހައްމަދު ބިން ސަލްމާން ކުރެއްވި މަޝްވަރާތައް ބިނާކުރެއްވީ އެމެރިކާ އާއި ސައޫދީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި ސޫރިޔާއާއި ޔަމަންގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓުވޭނެ ގޮތްތަކާ ބެހޭ ގޮތުންނާ އަދި ގަލްފު ސަރަހައްދުގެ އަމަން އަމާންކަމާ ބެހޭ ގޮތުން ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ.
އުމުރުން 31 އަހަރުގެ މުހައްމަދު ބިންސަލްމާންއަކީ ސައޫދީ އިގްތިސާދު ވަރަށް ބޮޑަށް ހުޅުވާލައި ދުބާއި ފަދަ ވިޔަފާރިއާއި ޓޫރިޒަމްއާއި ސިނާއަތުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ އިގްތިސާދަކަށް ސައޫދީ އިގްތިސާދު ބަދަލުކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ.
މިކަމަށްޓަކައި "ވިޝަން 2030"ގެ ނަމުގައި މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން މިދިޔަ އަހަރުގެ ކުރީކޮޅު ސައޫދީ ސަރުކާރުން ވަނީ ދުރުރާސްތާގެ އިގްތިސާދީ ވަރަށް ވަރުގަދަ ޕްލޭނެއް އިޢްލާންކޮށްފަ އެވެ.
މިޕްލޭން ބިނާކޮށްފައި ވަނީ ސައޫދީ އަރަބިޔާ ތެލުގެ އާމްދަނީއަށް ބަރޯސާވާ ގައުމަކުން ތެޔޮނޫން ތަފާތު އިންވެސްޓްމަންޓްތަކާއި ތަފާތު ސެކްޓަރުތަށް ހިމެނޭ ވަރުގަދަ އިގްތިސާދަކަށް ބަދަލުކޮށްލުމަށް ކަމަށް މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފަ އެވެ. މިޕްލޭންގެ ދަށުން ސައޫދީ އަރަބިޔާގައި ދިގުމުއްދަތަކަށް ވަޒަންވެރިވެގެން ތިބުމުގެ ފުރްސަތު މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށްވެސް ދޭނެއެވެ. އަދި މުޅި ސައޫދީގައި ފަތުރުވެރިކަން ފުޅާކޮށް ދަނޑުވެރިކަން ވެސް މިހާރަށް ވުރެ އެތައް ގުނައަކަށް ތަރައްގީކުރުން ހިމެނެ އެވެ.
މީގެ އިތުރުން ސައޫދީ ސަރުކާރުން އެމެރިކާ އާއި ޔޫރަޕުން މިހާރު ގަންނަމުންދާ ބިލިޔަން ބިލިޔަން ޑޮލަރުގެ ހަތިޔާރުގެ ބަދަލުގައި ސައޫދީއަށް ބޭނުންވާ ހަތިޔާރު އަމިއްލަ ޓެކްނޮލޮޖީގައި އުފެއްދުމުގެ ސިނާއަތެއް ފެށުން ވެސް ވިޝަން 2030"ގައި ހިމެނެ އެވެ.
މީގެއިތުރުން މައްކާއާއި މަދީނާގެ ދެ ހަރަމްފުޅު ވެސް މިހާރަށް ވުރެ ތިންގުނަ އިތުރަށް ބޮޑުކޮށް ފުޅާކޮށް 30 މިލިޔަން މީހުންނަށް އެއްފަހަރާ ހައްޖުގެ އަޅުކަން އަދާކުރެވޭ މިންވަރަށް މައްކާ އާއި މަދީނާ ޒަމާނީ ހުރިހާ ވަސީލަތްތަކާ އެކު ތަރައްގީ ކުރުން ވެސް މިޕްލޭންގައި ހިމެނެ އެވެ. މިހާރު މައްކާއާއި މަދީނާގެ މުގައްދަސް ބިންތަކުގައި ވަސީލަތްތައް ހުރިގޮތުން އެތަންތަނުން އެއްފަހަރާ ޚިދްމަތް ދެވޭނީ އެންމެ ގިނަވެގެން ވެސް ހަތަރު މިލިޔަން މީހުންނަށެވެ.
ޓްރަމްޕަކީ އޭނާގެ އަމިއްލަ ގައުމުގައާއި އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގައި ވެސް ގިނަ ބަޔަކު ނަފްރަތުކުރާ ހަރުކަށި ލީޑަރެކެވެ. ޚާއްސަކޮށް މާތްވެގެންވާ އިސްލާމް ދީނާ ޓެރަރިޒަމާ ގުޅުވައިގެން ތަކުރާރުކޮށް ޓްރަމްޕް ވާހަކަ ދެއްކެވުމާއި މުސްލިމުންނަށް ފާޅުގައި ނަފްރަތުކަން ފާޅުކުރެއްވުމުގެ އިތުރުން އިސްލާމީ އެތައް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ނަސްލީ އިމްތިޔާޒުގެ ގަރާރުތައް ނެރުއްވުމުގެ ސަބަބުން އިސްލާމީ ދުނިޔޭގެ ލީޑަރުންނާއި ދުނިޔޭގެ މުސްލިމުންގެ ރުޅިވެރިކަމާއި ނަފްރަތުވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ މައްސަލާގައި ވެސް ޓްރަމްޕް ވަނީ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވަން ފައްޓަވާފަ އެވެ. މީގެތެރޭގައި އިސްރާއީލުގައި ހުންނަ އެމެރިކާގެ އެންބަސީ، އިސްރާއީލު ގަދަބާރު ހިފާފައިވާ ފަލަސްތީނުގެ ގުދްސަށް ބަދަލުކުރުމަށް ނިންމުންފަދަ މުސްލިމުންގެ ހިތުގައި ޖެހޭ ކަންކަން ކުރައްވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އިސްލާމީ ދުނިޔެއާއި ޔޫރަޕްގެ ގައުމުތައް، ޓްރަމްޕަށް ނަފްރަތުކުރާއިރު ޓްރަމްޕްގެ އަމިއްލަ ގައުމުކަމަށްވާ އެމެރިކާގައި ވެސް އޭނާއާ ދެކޮޅަށް ހިންގާ އިހްތިޖާޖްތަކާއި މުޒާހަރާތައް ވަރަށް ގިނަ އެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ރިޔާސީ ކޭންޕޭންގައި އޭނާވަނީ ގަލްފުގެ އަރަބި ގައުމުތަކަށް ވެސް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ. މިގޮތުން ގަލްފުގެ ގައުމުތަކުގެ ރަސްކަމުގެ ނިޒާމުތައް އޭނާގެވެރިކަމުގައި އެމެރިކާ ހިމާޔަތްކޮށްދޭނީ ބޮޑެތި އަދަދުތަކުން އެމެރިކާ ފައިސާ ދިނުމުންކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އަދި ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް ޓްރަމްޕްވަނީ ގަލްފުގެ ގައުމުތަކަކީ ތެލާއި ފައިސާ ނޫން އެހެން އެއްޗެއް ނެތް ގައުމުތަކެއް ކަމަށް ވިދާޅުވެ މަލާމާތުގެ ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)