ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއާއި އިޓަލީ ޗެމްޕިއަން ޔުވެންޓަސްއިން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ސްޕެއިންގެ ސެވިއްޔާގެ މައްޗަށް 2-0 ލަނޑުން ލެސްޓާ ވަނީ ކުރި ހޯދައިފައެވެ. ލެސްޓާއަށް ކުއާޓާގެ ޖާގައެއް ލިބުނީ 3-2 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ. މިއީ ލެސްޓާގެ ތާރީހުގައި އެޓީމު ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ 27 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ރިޔާދް މަހްރޭޒް ނަގައިދިން ހުރަހަކުން ލެސްޓާއަށް އެލަނޑު ކާމިޔާބުކޮށްދިނީ ވެސް މޯގަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ލެސްޓާ ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ލެސްޓާއާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ލެސްޓާ --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓްފަހުން ލެސްޓާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ލެސްޓާއަށް އެލަނޑު ކާމިޔާބުކޮށްދިނީ މާކް އޯލްބްރައިޓަންއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ މަހްރޭޒް ނަގައިދިން ހުރަސް، ސެވިއްޔާގެ ޑިފެންޑަރު އާދިލް ރަމީ ދިފާއުކުރުމާއެކު ލިބުނު ބޯޅައިން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ސެވިއްޔާގެ ސާމިރް ނަސްރީއާއި ލެސްޓާގެ ޖެމީ ވާޑީއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ނަސްރީއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ. އެހެންކަމުން މެޗުގެ ބާކީބައި ސެވިއްޔާއިން ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ލެސްޓާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިޓޯލޯއަށް ކީޕަރު ކެސްޕާ ޝުމައިކަލް ކުރި ފައުލާ ގުޅިގެން ސެވިއްޔާއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ސްޓީވަން އެންޒޮންޒީ ފޮނުވާލި ޕެނަލްޓީ، ލެސްޓާގެ ކީޕަރު ޝުމައިކަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި ޕޯޓޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުވެންޓަސް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން 1-0 ލަނޑުގެ ނަތީޖާއަކުން ޔުވެންޓަސް ވަނީ މޮޅުވެފައެވެ. ޔުވެންޓަސްއަށް ކުއާޓާގެ ޖާގައެއް ލިބުނީ 3-0 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ.

އެ މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ލަނޑު ޖަހާފައިވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. ޕޯޓޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން މެކްސީ ޕެރޭރާ ބޯޅައިގައި އަތްލުމުން ޔުވެންޓަސްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. މެކްސީ ޕެރޭރާ ބޯޅައިގައި އަތްލުމުން އޭނާއަށް ރަތް ކާޑު ދެއްކުމުން ޕޯޓޯއިން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގައި ޔުވެންޓަސްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޑިބާލާއާއި، މާރިއޯ މަންޒޫކިޗް އަދި ގޮންޒާލޯ ހިގައިންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ލެސްޓާއާއި ޔުވެންޓަސްގެ އިތުރުން ސްޕެއިންގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުރިން ވަނީ ކުއާޓާގެ ޖާގައެއް ހޯދައިފައެވެ. ކުއާޓާގެ ފަހު ޖާގަތައް ލިބޭނީ މިރޭ ކުޅޭ ގަދަ 16ގެ ދެވަނަ ލެގު މެޗުތަކަށްފަހުއެވެ. މިރޭ ފްރާންސްގެ މޮނާކޯއާ ދެކޮޅަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ނުކުންނައިރު، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ޖަރުމަންގެ ބަޔާން ލެވަކޫސަން ނުކުންނާނެއެވެ. އެ ދެމެޗުވެސް ފަށާނީ ރާއްޖޭގަޑިން މިރޭ 12:45ގައެވެ.