02 Jul 2011, 16:28
މަތީ ކޯޓުތަކަށާއި މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ކުރުމަށް ޕެނަލެއް އެކުލަވާލައި އެ މަސައްކަތް އެ ޕެނަލާ ޖުޑިޝަލް ސާވިސް ކޮމިޝަނުން [ޖޭއެސްސީ] ހަވާލުކޮށްފި އެވެ.
ޖޭއެސްސީ އިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ކޮމިޝަނުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެއްގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެކުލަވާލެއްވި ޕެނަލްގައި ހިމެނިވަޑައިގެންނަވަނީ ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި ކޮމިޝަންގެ މެމްބަރުން ކަމުގައިވާ ގާސިމު އިބްރާހީމާއި އަބްދުﷲ ދީދީ އާއި އަބްދުﷲ މުއިއްޒާއި ޝުއައިބު އަބްދުލްރަހުމާން އަދި އަހުމަދު ރަޝީދު ކަމަށެވެ.
ޖޭއެސްސީން ބުނީ އެޕަނަލް އެކުލަވާލީ މަތީ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި އެކޮމިޝަންގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އެ ޕެނަލްގެ މަސައްކަތަކަށް ވާނީ ފަނޑިޔާރުން ހޯދުމަށް އިއުލާންކޮށް، އެކަމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމާއި އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
ޖޭއެސްސީން ބުނީ އެފަނަލުން ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގެ އިތުރުން ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕީރިއާ ކޯޓުތަކުގައި ތިބޭނެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅައި ރިޕޯޓެއް ކޮމިޝަނަށް ހުށަހެޅުމާއި އަދި އެ ދެ މަސައްކަތް ވެސް 2011 އޮގަސްޓް 15ގެ ކުރިން ނިންމައި ކޮމިޝަނަށް ހުށަހެޅުމަށް ނިންމުން ކަމަށެވެ.