ހާލު ދެރަވެގެން ހދ. ކުޅުދުއްފުށިން އިއްޔެ މާލެ ގެނައި މާބަނޑު މީހާގެ ސިޒޭރިއަން ހަދައި، އޭނާގެ ބަނޑުގައިވާ ދަރިފުޅު ނަގައިފިއެވެ.

އެޗްވަންއެންވަން ވައިރަސް ނުވަތަ ސްވައިން ފްލޫ ރާއްޖޭގައި ފެތުރެމުންދާ އިރު، ރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި ގޮތުން، އެޗްވަންއެންވަންއާ ގުޅޭ ދެ މާބަނޑު ޕޭޝަންޓުންނަށް ދިޔައީ ފަރުވާ ދެވެމުންނެވެ.

ޑރ. ނިޔާފް ރޭ ވިދާޅުވި ގޮތުގައި އެއް ޕޭޝަންޓަކީ މާޗު ފަސްވަނަ ދުވަހުން ފެށިގެން ފަރުވާ ހޯދަމުން އައި މީހެކެވެ. ދެ ވަނަ ޕޭޝަންޓަކީ އަތޮޅުތެރެއިން މާލެއަށް އިތުރު ފަރުވާއަށް ފޮނުވި މީހެކެވެ.

ފަރުވާ ހޯދަން ދިޔަ ބަޔަކު އަރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ހޮސްޕިޓަލްތަކުން އިލްތިމާސްކޮށްފައި --- ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގެ މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް "ސަން"އަށް ވިދާޅުވި ގޮތުގައި، ފަރުވާ ދެމުން އައި ދެ މާބަނޑު މީހުން ކުރެ އެކަކުގެ ސިޒޭރިއަން ހަދައި، އޭނާގެ ބަނޑުގައިވާ ދަރިފުޅު ވަނީ ނަގައިފަ އެވެ. އަދި ދެމައިންނަށް ވެސް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

މިއީ ކޮން ޕޭޝެންޓެއްކަން އައިޖީއެމްއެޗުން ހާމަ ނުކުރި ނަމަވެސް "ސަން"އަށް އެނގިފައިވާ ގޮތުގައި، ސިޒޭރިއަން ހަދާފައިވަނީ އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނައި މާބަނޑު މީހާއެވެ. އޭނާ ގެނައީ ހދ. ކުޅުދުއްފުށިންނެވެ.

ޑރ. ނިޔާފް ރޭ ވިދާޅުވި ގޮތުގައި އޭނާގެ ކިބައިން ފެންނަމުން ދިޔައީ އިންފްލުއެންޒާގެ އަލާމާތްތައް ކަމުން، އޭނާގެ ޓެސްޓުތައް މިހާރު ދަނީ ހެދެމުންނެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ވިހެއީ ބަނޑަށް ހަ މަހުގައެވެ.