14 Mar 2017, 23:55
ތާޖުއްދީން ސްކޫލުގައި އައިޖީއެމްއެޗުން ގާއިމުކުރި ފްލޫ ކްލިނިކުގައި، އެސްޓީއޯގެ ވަގުތީ ފާމަސީއެއް ވެސް މިރޭ ހުޅުވައިފި އެވެ.
ރާއްޖޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާއަށް ފަރުވާދޭ ފްލޫ ކްލިނިކެއް އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލުގައި މިއަދު މެންދުރު ވަނީ ގާއިމުކޮށްފައެވެ.
14 މާޗް 2017: ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުގައި އެސްޓީއޯއިން ހުޅުވި ވަގުތީ ފާމަސީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް
ފްލޫ ކްލިނިކުން ޚިދުމަތް ދެމުންދާ އިރު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ބޭހުގެ ވިޔަފާރިކުރާ އެސްޓީއޯއިން ވަނީ ތާޖުއްދީން ސްކޫލުގައި ވަގުތީ ފާމަސީއެއް ގާއިމުކޮށްފައެވެ.
އެގޮތުން، އެތަނުގައި ވަނީ ބޭސް ސިޓީ ބަލައިގަތުމާއި ބިލު ހެދުމާއި ބޭސް ދޫކުރުމަށް ވަކިވަކި ކައުންޓަރުތައް ގާއިމުކޮށްފައެވެ.
އެޗްވަންއެންވަން ވައިރަސް ފެތުރި، ގިނަ ބަޔަކަށް ސްވައިން ފްލޫ ފެތުރެމުންދާ އިރު، ގައުމީ ހެލްތު އެލާޓް އިއްޔެ ވަނީ ލެވެލް ތިނަކަށް މަތިކޮށްފައެވެ. އަދި ރައްޔިތުން އާންމު ތަންތަނަށް ނުކުމެ ނޫޅުމަށް ސިއްހީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން، ބަލި ފެތުރިދާނެ ކަމަށްޓަކައި ސްކޫލްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލައިފައެވެ.
14 މާޗް 2017: ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކުގައި އެސްޓީއޯއިން ހުޅުވި ވަގުތީ ފާމަސީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް
އައިޖީއެމްއެޗުގެ ފްލީ ކްލިނިކު ތާޖުއްދީން ސްކޫލުގައި ހުޅުވާފައިވާ އިރު، އެހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި، އެ ކްލިނިކުގެ ޚިދުމަތް ހޯދަން އަންނާނީ އަރިދަފުސް ރޯގާއާއި އެކު ހުންވެސް އައިސްފައިވާ ފަރާތްތަކެވެ.
"ހުން ހުރެފައި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ބޭފުޅުން އެކަނި ފްލޫ ކްލިނިކަށް ވަޑައިގަންނަވާނީ. ހަމައެކަނި އަރިދަފުސް ރޯގާގެ އަސަރު ހުރިއްޔާ ވަޑައިގަންނަވާނީ އައިޖީއެމްއެޗު އޯޕީޑީއަށް،" އައިޖީއެމްއެޗުގެ އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ފްލޫ ކްލިނިކެއް ހުޅުވަން ޖެހުނު މައިގަނޑު މަގުސަދަކީ ވެސް އެ ރޯގާއަކީ ފަސޭހައިން ގައިން ގަޔަށް އަރާ އެއްޗަކަށް ވެފައި، މީހުން އެއްތަނަކަށް ޖަމާވާ ނަމަ އެކަކު ގައިން އަނެކަކުގެ ގަޔަށް ރޯގާ އެރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ.