14 Mar 2017, 23:44
އޭޑީކޭ ހޮސްޕިޓަލްގެ ފްލޫ ކްލިނިކުގެ ޚިދުމަތް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސް ހިންގާ އިމާރާތަށް ބަދަލުކޮށްފިއެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިރޭ ސަން އަށް ވިދާޅުވީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ފެކަލްޓީ އޮފް ސައިންސްގައި ގާއިމްކޮށްފައިވާ ފްލޫ ކުލިނިކުން ޚިދުމަތް ލިބޭނެ ކަމަށެވެ.
ފެކަލްޓީ އޮފް ސައިންސް ހުންނަނީ ސޯސަންމަގު އެމްޑީޕީ އޮފީސް ކުރިމަތީގައެވެ.
ފްލޫ ކުލިނިކެއް ހުޅުވީ މިދުވަސްވަރު ހުމާއި ރޯގާ އިތުރުވެފައިވާތީއެވެ.
އައްފާލް ވިދާޅުވީ ފެކަލްޓީ އޮފް ސައިންސް ހިންގާ އިމާރާތަށް ފްލޫ ކުލިނިކު ބަދަލުކުރީ ހުކާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަންދާ މީހުން އިތުރުވަމުންދާތީ ފަސޭހަކަމާއެކު ގިނަ ބަޔަކަށް އެއްފަހަރާ ޚިދުމަތްދެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
ފްލޫ ކްލިނިކްގެ ޚިދުމަތް ލިބިގަންނަ މީހުންނާއި އެހެނިހެން ކަންކަމުގައި ޑޮކްޓަރަށް ދައްކަންދާ މީހުންނާއި އެއްތަނެއްގައި ތިބެންޖެހުމަކީ ބަލި އިތުރުވުމަށް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ދެ ފަރާތަށް ވެސް އެންމެ ފަސޭހަވާނެ ގޮތް ކަމަށް ފެންނާތީ މި ގޮތަށް އަޅުގަނޑުމެން މި ހަމަޖެއްސީ،" އައްފާލް ވިދާޅުވިއެވެ.
އޭޑީކޭ ހޮސްިޕޓަލްގައި ފްލޫ ކުލިނިކު ހުޅުވީ މިއަދު ހެނދުނުއެވެ. އެ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ގިނަ ބަޔަކު ގޮސްފައިވާ ކަމަށް ވެސް އައްފާލް ވިދާޅުވިއެވެ.
އައިޖީއެމްއެޗުގައި ވެސް ފްލޫ ކުލިނިކުގެ ޚިދުމަތް އަންނަނީ ދެމުންނެވެ. ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެ ބާރު ބޮޑުވުމުގެ ސަބަބުން އެ ހޮސްޕިޓަލުން ވަނީ ތާޖުއްދީން ސްކޫލްގައި ފްލޫ ކުލިނިކެއް ހުޅުވައި މިއަދު ޚިދުމަތްދޭން ފަށައިފައެވެ.
ސްވައިން ފްލޫގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު، 51 މީހަކު ވަނީ ސްވައިން ފްލޫ އަށް ޕޮޒިޓިވްވެފައެވެ. މާބަނޑު އަންހެނަކާއި ކުޑަކުއްޖަކަށް ވެސް ސްވައިން ފްލޫ ޖެހިގެން އަންނަނީ ފަރުވާދެމުންނެވެ. އަދި ވެސް އިތުރު ސާމްޕަލްތަކެއް ސްވައިން ފްލޫ ހުރިތޯ ޓެސްޓު ހަދަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.