14 Mar 2017, 23:11
މާލެ އާއި އަތޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހުމާއި ރޯގާއާ އެކު އެޗްވަންއެންވަން ނުވަތަ ސުވައިން ފުލޫ ވެސް ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މާދަމާގެ މަޣުރިބު ނަމާދުން ފެށިގެން ކޮންމެ ޖަހުރިއްޔަ ނަމާދެއް (އަޑުހަރުކޮށް ކިޔަވާ ނަމާދުތައް: މަޣުރިބު، އިޝާ، ފަތިސް ނަމާދު)ގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ގުނޫތު ކިޔުމަށް ވަނީ އަންގައިފަ އެވެ.
މިނިސްޓްރީން ބުނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން އިސްލާމީ މަރުކަޒުގައި ގުނޫތު ނާޒިލާ ކިޔަން ފަށާފައިވާނެ ކަމަށާޢި، މާދަމާގެ މަޣުރިބު ނަމާދަށް ފަހު އެހެން ހުރިހާ މިސްކިތަކުން ވެސް ޖަހުރިއްޔަ ނަމާދުތަކުގައި ގުނޫތު ކިޔަމުންދާނެ ކަމަށެވެ.
މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ގުނޫތު ކިޔުން ކުރިޔަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.
ގުނޫތު ނާޒިލާއަކީ މުސީބާތުގެ ވަގުތުތަކުގައި، އެކަމަކާ ގުޅޭ ގޮތުން ނަމާދުގައި ކިޔުމަށް ސުންނަތުން ވާރިދުވެގެން އައިސްފައިވާ ދުއާއެކެވެ.