14 Mar 2017, 20:36
ރާއްޖޭގައި މިދިޔަ މަހުގެ ފަހުކޮޅު ފެށި މީސަލްސް ނައްތާލުމުގެެ ގައުމީ ކެމްޕޭނުގެ ދަށުން އެމްއާރު ވެކްސިން ޖެހުމުގެ ހަރަކާތް، މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފެށި، ދިވެހިރާއްޖެއިން މީސަލްސް ނުވަތަ ކުރިޔަށް ގެންދިއުމަށް ހަމަޖެއްސީ ދެ ހަފްތާގެ ނިޔަލަށެވެ. އެއީ މާޗު 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް އެ ކެމްޕޭންގެ މުއްދަތު، މި ހިނގާ މާޗު މަހުގެ 21 ގެ ނިޔަލަށް އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީސަލްސް އަދި ރުބެއްލާ ވެކްސިން ޖެހުމުގެ ހަރަކާތް މިއަދުން ފެށިގެން މެދުކަނޑާލަން ނިންމީ، އަރިިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުއިކަމާ އެކު ފެތުރެމުންދާތީ، އަދި މި ބަލިތަކަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށް ވާތީ، މީހުން އެއްވެ އުޅުން މަދުކުރުމަށްޓަކައި ކަމަށެވެ.
އެޗްޕީއޭގެ ބަޔާނުގައި ބުނީ، ރޯގާ ކޮންޓްރޯލްވާ މިންވަރަށް ބަލައި، މީސަލްސް ނައްތާލުމުގެ ކެމްޕޭން އަލުން ކުރިޔަށް ގެންދާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށެވެ.
ރާއްޖޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ރޭ ރާއްޖޭގެ ގައުމީ ހެލްތު އެލާޓު ލެވެލް ތިނަކަށް މަތިކޮށްފައިވާ އިރު، ސްކޫލްތަކުގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފައެވެ.
އަދި އިންފްލުއެންޒާއަށް ޚިދުމަތްދޭ ފްލޫ ކްލިނިކެއް އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ އިރު، އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ ފްލޫ ކްލިނިކެއް ގާއިމުކޮށް، އެތަނުގެ ޚިދުމަތް ދޭން ފަށައިފައެވެ.
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ މީޑިއާއާ ވާހަކަ ދައްކަވަމުން ވަނީ، ފެތުރެމުންދާ ރޯގާއާ ގުޅޭ ކަންކަން ސަރުކާރުން ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.