14 Mar 2017, 20:04
ތާޖުއްދީން ސްކޫލުގައި އައިޖީއެމްއެޗުން ވަގުތީ ގޮތުން ހިންގަމުންދާ ފްލޫ ކްލިނިކުން ޚިދުމަތް ހޯދުމަށް އަންނާނީ އަރިދަފުސް ރޯގާއާ އެކު ހުންވެސް އައިސްފައިވާ ފަރާތްތައް އެކަނި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ރާއްޖޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ރޭ ރާއްޖޭގެ ގައުމީ ހެލްތު އެލާޓު ލެވެލް ތިނަކަށް ވަނީ މަތިކޮށްފައެވެ.
ތާޖުއްދީން ސްކޫލުގައި މިއަދު ހުޅުވި ފްލޫ ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދެމުން ގެންދާ އިރު، އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވީ، ހަމައެކަނި ރޯގާ ޖެހި، ހުމުގެ އަސަރު ނެތް ނަމަ ފްލޫ ކްލިނިކަށް ދާން ނުޖެހޭނެ ކަމަށެވެ.
14 މާޗް 2017: ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކު:--ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ހުން ހުރެފައި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ބޭފުޅުން އެކަނި ފްލޫ ކްލިނިކަށް ވަޑައިގަންނަވާނީ. ހަމައެކަނި އަރިދަފުސް ރޯގާގެ އަސަރު ހުރިއްޔާ ވަޑައިގަންނަވާނީ އައިޖީއެމްއެޗު އޯޕީޑީއަށް،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ، ފްލޫ ކްލިނިކެއް ހުޅުވަން ޖެހުނު މައިގަނޑު މަގުސަދަކީ ވެސް އެ ރޯގާއަކީ ފަސޭހައިން ގައިން ގަޔަށް އަރާ އެއްޗަކަށް ވެފައި، މީހުން އެއްތަނަކަށް ޖަމާވާ ނަމަ އެކަކު ގައިން އަނެކަކުގެ ގަޔަށް ރޯގާ އެރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ.
އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަލީ ލަތީފް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ޑޮކްޓަރު ވިދާޅުވީ ފްލޫ ކްލިނިކުގައި ހަ ސްޓޭޝަނެއް ގާއިމުކޮށްފައިވާ އިރު، އެތަނުން ކުޑަކުދިންގެ ޑޮކްޓަރުންނާއި، އެތެރެހަށީގެ ޑޮކްޓަރުންގެ އިތުރުން މެޑިކަލް އޮފިސަރުން ހަރަކާތްތެރިވަމުން ގެންދާނެއެވެ. އަދި ލޭނެގުމުގެ ޚިދުމަތްތައް ވެސް ހަމަޖެހިފައިވާ އިރު، މާ ބޮޑަށް ބަލިވެއްޖެ ނަމަ އައިޖީއެމްއެޗުގައި ގާއިމުކޮށްފައިވާ ޚާއްސަ ވޯޑެއްގައި ބަލިމީހާ އެޑްމިޓް ކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ފްލޫ ކްލިނިކަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ އިރާކޮޅު ޒިޔާރަތް ކުރެއްވި އިރު، މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ، ފެތުރެމުންދާ ރޯގާއާ ގުޅޭ ކަންކަން ސަރުކާރުން ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ޒިޔާރަތްކޮށް މަސައްކަތް ކުރިޔއަށްދާގޮތް ބައްލަވާލަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"ރައްޔިތުން، ސަރުކާރާއި މެޑިކަލް ބޭފުޅުންގެ ލަފާއާ އެއްގޮތަށް، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި، ޕްރިކޯޝަނަރީ މެޝާސްތައް އަޅުއްވަމުން ގެންދަވާ،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫ ފެތުރި، ބަލިވަމުންދާ މީހުން ގިނަ ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައެވެ.