14 Mar 2017, 19:25
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ހުމާއި ރޯގާގެ ނުރައްކަލާ ގުޅިގެން މޯލްޑިވިއަން އައިޑޮލްގެ މި ހަފްތާގެ ޝޯތައް ކެންސަލް ކޮށްފިއެވެ.
ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މޯލްޑިވިއަން އައިޑޮލްގެ މި ހަފްތާ ބަންދުގެ ދެ ޝޯ، އަންނަ ހަފްތާގެ ބަންދަށް ފަސްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މި ހަފްތާގެ ހުކުރު ދުވަހު ގެނެސްދޭން ހަމަޖެހިފައިވާ ގަދަ 10 ގެ ސޯލޯ ޝޯ އާއި ހޮނިހިރު ދުވަހު ގެނެސްދޭން ހަމަޖެހިފައިވާ ނަތީޖާ ޝޯ ދެން ދައްކާނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހުގެ ރެއެވެ.
ޕީއެސްއެމް އިން ބުނީ، ޝޯތައް ކެންސަލްކޮށް ފަސްކުރަން ނިންމީ މިދުވަސްވަރު ތަފާތު ވައިރަލް ރޯގާތައް ރާއްޖޭގައި ފެތުރެމުންދާތީ އެކަން ކޮންޓްރޯލްކުރުމަށް ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާގެ މައްސަލަ ބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު އެޗް1އެން1 ގެ ވައިރަސް އަށް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން މިހާތަނަށް އެ ވައިރަސް އަށް އިއްޔެގެ ނިޔަލަށް 251 މީހަކު ޓެސްޓުކުރިއިރު 51 މީހަކު އެ ވައިރަހަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަދި އެޗް1އެން1 އަށް ޕޮޒިޓިވްވި އެކަކު މަރުވެފައިވާއިރު، މާބަނޑު އަންހެނަކަށް ވައިރަސްގެ އަސަރުކޮށް ހާލު ދެރަވުމާ ގުޅިގެން ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ހުމާއި ރޯގާ ފެތުރި އެކަމުގެ ނުރައްކަލުން ސަލާމަތްވުމަށް ރާއްޖޭގެ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާއިރު، ހޮސްޕިޓަލް ފަދަ ތަންތަނަށް ކުޑަކުދިން ވަނުން ވަނީ މަނާ ކޮށްފައެވެ.