ރާއްޖެ އޮންލައިން ބޭނުން ކުރާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ޑޭޓާބޭސް އިންޓަނެޓް ވެބްސައިޓެއްގައި ލީކުކޮށްލައިފި އެވެ.

ފޯކަސް އިންފޯކޮމްގެ ރާއްޖެ އޮންލައިން )އާރްއޯއެލް(ގެ 944 ކަސްޓަމަރުންގެ ޑޭޓާބޭސް ލީކުކޮށްލާފައި ވަނީ ސޮފްޓްވެއާ ޑިވެލޮޕަރުންގެ މެދުގައި މަޝްހޫރު ވެބްސައިޓެއް ކަމަށްވާ "ޕޭސްޓްބިން"ގަ އެވެ. ރާއްޖެ އޮންލައިންގެ ކަސްޓަމަރުންގެ އައިޑީ އާއި ޕާސްވޯޑްތަކާއެކު ލީކުކޮށްލާފައިވާ ޑޭޓާބޭސް، ޕޭސްޓްބިން ވެބްސައިޓަށް އަޕްޑޭޓްކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ރާއްޖެ އޮންލައިގެން ކަސްޓަމަރުންގެ ޑޭޓާބޭސް މިއަދު ލީކުކޮށްލާފައިވާއިރު، ބައެއް ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި މިއަދު ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ނަމަވެސް ރާއްޖެ އޮންލައިނުން އެކަން ދޮގުކުރެ އެވެ.

ރާއްޖެ އޮންލައިންގެ ސޭލްސް މެނޭޖާ އިބްރާހިމް ސިނާހު މިއަދު ވިދާޅުވީ އިންޓަނެޓްގައި ލީކުވެގެން އުޅޭ ޑޭޓާބޭސްއަކީ މީގެ ފަސް އަހަރުގެ ކުރީގެ ކަސްޓަމަރުންތަކެއްގެ ޑޭޓާބޭސް ތަކެއް ކަމަށާއި އެޑޭޓާތައް ލީކުކޮށްފައި ވަނީ ރާއްޖެ އޮންލައިންގައި ކުރިން އުޅުނު މުވައްޒަފަކު ކަމަށެވެ.
އޭނާ ވިދާޅުވީ އިންޓަނެޓްގައި ލީކުވެގެން އުޅޭ ބައެއް ކަސްޓަމަރުންގެ ޕެކޭޖުތަކަކީ މިހާރު ބޭނުން ކުރާ ޕެކޭޖުތަކެއް ނޫން ކަމަށެވެ.

"މީއީ މުޅިން އެހެން ޒަމާނެއްގެ އެއްޗެއް. ގާތްގަނޑަކަށް ފަސްވަރަށް އަހަރު ކުރީގަ އެތާނގަ )ރާއްޖެ އޮންލައިންގަ( އުޅުނު ކުއްޖަކު ބޭރު ކުރި އެއްޗެހިތަކެއް. އަޅުގަނޑުމެންގެ '64 ކޭ' ޕެކޭޖެއް ނުވެސް ހުންނާނެ،" އިންޓަނެޓްގެ ހިދުމަތް ދެމުންގެންދާތާ ހަ އަހަރު ވެފައިވާ ރާއްޖެ އޮންލައިގެން ސޭލްސް މެނޭޖާ އިބްރާހިމް ސިނާހު މިއަދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ މައްސަލަ މިހާރު މުޅިން ނިމި، އެކަން ދިމާވި ދުވަސްވަރު އެކަން ހައްލުކޮށްފައިވާ ކަމަށެވެ.

އިންޓަނެޓްގެ ހިދުމަތް ދޭ ދެވަނަ ކުންފުނީގެ ގޮތުގައި ލައިސަންސް ލިބިގެން ފޯކަސް އިންފޯކޮމްގެ އާރްއޯއެލް އިން އިންޓަނެޓް ހިދުމަތް ދޭން ފަށާފައި ޖެނުއަރީ 1، 2004 ގަ އެވެ.