14 Mar 2017, 16:02
ރަޝިއާގައި މިއަދު ފެށި، އެ ގައުމުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ޝޯ ކަމުގައިވާއި މޮސްކޯ އިންޓަނޭޝަނަލް އެކްޒިބިޝަން ޓްރެވަލް އެންޑް ޓޫރިޒަމް (އެމްއައިޓީޓީ)ގައި ރާއްޖޭގެ 19 ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި އެ ފެއާގައި ބައިވެރިވާ 19 ކުންފުނީގެ ފަރާތުން 42 މަންދޫބުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ބާއްވާ އެ ފެއާގައި ރާއްޖެ އިސްތިހާރު ކުރުމުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
ރާއްޖެ އިން އެ ފެއާގައި ބައިވެރިގާ 19 ކުންފުނިތަކުގެ ތެރޭގައި 10 ރިސޯޓާއި ނުވަ ޓްރެވަލް އެޖެންޓުން ހިމެނެ އެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ފެއާގައި ރާއްޖެއަށް ލިބިފައި ވަނީ 114 އަކަ މީޓަރުގެ ސަރަހައްދެކެވެ. މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ފެއާގައި ބައިވެރިވާ ދިވެހި ކުންފުނިތަކާ ގުޅިގެން ޖޮއިންޓް ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން ތަފާތު އިނާމުތަކެއް ލިބޭ ސޯޝަލް މީޑިއާ ކެމްޕެއިނަކާއި ވިޔަފާރި ބައްދަލުވުންތަކުގެ އިތުރުން އެކި ކަހަލަ ހަރަކާތްތަކެއް ދިވެހި ސްޓޯލުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއައިޓީޓީ އަކީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ފެއާ އެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ 192 އަށްވުރެ ގިނަ ގައުމުތަކުން 1800 އަށްވުރެ ގިނަ ކުންފުނިތައް ބައިވެރިވެ އެވެ. އެ ފެއާ ފާހަގަ ކުރެވެނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ބައްދަލުވެ ހިޔާލު ބަދަލުކޮށް ބޮޑެތި ޑީލުތައް ނިންމާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގައި ރަޝިއާ ވެސް ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓު އިތުރުވެ، 46،255 އަށް އަރައިފަ އެވެ.