ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާގެ ސަބަބުން ބައެއް ކޮލެޖްތަކުގެ ކިޔެވުންތައް ވެސް ކެންސަލް ކޮށްފި އެވެ.

ވިލާ ކޮލެޖުގެ ސެންޓަރު ފޯ އެޓޯލް ކެމްޕަސް އެޑްމިނިސްޓްރޭޝަންގެ ސީނިއާ މެނޭޖަރު އަމްޖަދު އަބްދުލް ވައްހާބު ވިދާޅުވީ، މިދުވަސްވަރު ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރުމާ ގުޅިގެން މިއަދުން ފެށިގެން މި ހަފްތާގެ ނިޔަލަށް އެ ކޮލެޖުގެ ކިޔަވައިދިނުން ނުބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ސައިރިކްސް ކޮލެޖުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެކްޒެކެޓިވް އައިޝަތު ޔުމްނާ ވިދާޅުވީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޮލެޖުގެ ކުލާސްތައް ވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން ކުލާސްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮލެޖުގެ ކުލާސްތައް ކެންސަލް ކުރި ނަމަވެސް، ބަންދުވެފައި ހުންނަ ދުވަސްތަކުގައި ދަރިވަރުންނަށް ބޭނުންވާ މައުލޫމާތު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ކޮލެޖުގެ ކެމްޕަސް ތަކުން ލިބޭނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

އެވިޑް ކޮލެޖުގެ ކެމްޕަސް މެނޭޖަރު އިބްރާހިމް ނަސީމް ވިދާޅުވީ، އެ ކޮލެޖުގެ ކިޔެވުން މިއަދުން ފެށިގެން ވަކި ދުވަހެއް އަންގަންދެން ފަސް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ބައެއް ކޮލެޖުތަކުގެ ކިޔެވުން ވެސް މެދުކަނޑާލައި ބަންދު ކޮށްފައިވާ އިރު، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ) އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ(އެމްއައިޔޫ)ގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.