14 Mar 2017, 13:07
ސްރީލަންކާގައި ހުންނަ ސޯސަންވިލާގައި ހިންގާ ދިވެހި ސަގާފީ ސެންޓަރުގައި ޕާކެއް ހެދުމަށް ސިއެރާ ކުންފުންޏާ ހަވާލުކޮށްފި އެވެ.
ސޯސަންވިލާ އަކީ ސްރީލަންކާގެ ކޮލޮމްބޯގައި އޮންނަ، ދިވެހި ސަރުކާރަށް މިލްކުވެފައިވާ ބިމެކެވެ. އެއީ ކުރިން ދިވެހިރާއްޖޭގެ އެމްބަސީ ވެސް ހުރި ބިމެވެ.
އެތަނުގައި ޕާކެއް ހެދުމުގެ މަސައްކަތް ހަވާލު ކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ސިއެރާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަދި ސީއީއޯ ނިމާލް ލޮކުގެ އެވެ.
ތިން ޒޯނަކަށް ބަހާލައިގެން ހަދާ އެ ޕާކުގެ ޒޯން އޭ އާއި ބީ ޚާއްސަކޮށްފައި ވަނީ ކުޑަކުދިންނަށެވެ. އެ ގޮތުން އެ ދެ ޒޯނުގައި ހުންނާނީ ކުޑަކުދިން ކުޅޭ ސާމާނެވެ.
ޒޯން ސީގައި ހުންނާނީ ޖޯލި ފަތިތަކާއި އުނދޯލިތަކެވެ. އެ ޒޯނަށް ކިޔަނީ ޖޯލި މައިޒާނެވެ. އެ މައިޒާނުގައި މަސް ޕޮންޑެއް ވެސް ހަދަން ވަނީ ހަމަޖައްސައިފަ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އެ ޕާކަކީ ދިވެހި ސަގާފަތް ދައްކާލާ ފަދަ ގޮތަކަށް ފަރުމާ ކުރެވޭ ޕާކެކެވެ. އަދި ޕާކު ހަދަން ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން އެކަމަށް އެދޭތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމެވީ އެކަންތައް ރަނގަޅަށް ކުރެވޭނެ ގޮތެއް ރޭވުމަށް. ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ އެކަން ކުރެވޭ ގޮތެއް ހޯދޭތޯ ބެލުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ކުރި މަސައްކަތުގައި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް އެއްބަސްވީ ސިއެރާ ކުންފުނިން ކަމަށާއި އެ ކުންފުނިން އެ މަސައްކަތް ކޮށްދެއްވަނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ޑިޒައިން މަސައްކަތުގެ އިތުރުން ޕާކު ހެދުމުގެ މަސައްކަތް ވެސް ކުރަން އެކުންފުނިން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕާކު ހެދުމަށް 1.6 މިލިއަން ރުފިޔާ ޚަރަދުވެ އެވެ. އަދި އެ މަސައްކަޔް ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ސިއެރާ ކުންފުންޏަކީ ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި ސަރުކާރުގެ މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމާއި މަގު ހެދުމުގެ ޕްރޮޖެކްޓުތައް ވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.