މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ރޭ ސ. ހިތަދޫ އަތިރިމައްޗަށް ދިޔަ އުމުރުން 74 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރު ކުރި އުމުރުން 19 އަހަރުގެ ޒުވާނާގެ ތަހުގީގު ނިންމައި އޭނާ ވީއްލައިފި އެވެ.

އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ މީގެ ދެ މަސް ދުވަސް ކުރިން ފެންމަތިވި މައްސަލައިގައި ހައްޔަރު ކުރި ހިތަދޫ ހަވާސާގޭ ހުސެއިން މަރުޒޫގު 19، ދޫކޮށްލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ފޮރެންސިކް ތަހުލީލު ރިޕޯޓުތައް ލިބުމުން ދައުވާ ކުރުމަށް ފޮނުވުމާ މެދު ގޮތެއް ނިންމާނެ ކަމަށް އައްޑޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.

އުމުރުން ދުވަސްވީ އެ އަންހެން މީހާ އާ ގަދަކަމުން ބެހި، އިތްފަތް ފޭރިގަތް ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނާ އަށް ބޮޑެތި ޖިންސީ ހާނީއްކަތަކެއް ވަނީ ލިބިފަ އެވެ. އަދި އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ލޭމަނާއެއް ނުވެ އެވެ.

މިއީ މިފަހަކަށް އައިސް ޒުވާނަކު މި އުމުރުގެ އަންހެނަކު ރާއްޖޭގައި ރޭޕް ކުރި ފުރަތަމަ ފަހަރެވެ.