މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސްވައިން ފްލޫ ފެތުރެމުންދާތީ އެކަމާ ގުޅިގެން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ހުން ކޮންޓުރޯލް ކުރުމަށް ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.

"ހުރިހާ މުއައްސަސާތަކުން ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން، ޓެކްނިކަލް ޓީމާއެކު ދަނީ މަސައްކަތް ކުރަމުން، ޑަބްލިޔުއެޗްއޯ ފަދަ ޕުރޮފެޝަނަލް ފަރާތްތަކާ ގުޅިގެން ކުރިއަށްދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ލަފާފުޅަކީ، ޑޮކްޓަރުން ދެއްވާ ލަފަޔަށް އަމަލު ކުރުމެވެ. މީހުން ގިނައިން އުޅޭ ތަންތަނަށް ނުދިއުމަށްވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

އަތޮޅުތެރެއަށްވެސް އަމަލުކުރަންވީ ޕްރޮޓޮކޯލް ދަނީ ކުރިއާލައި އަންގަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް 51 ދިވެއްސަކަށްވަނީ ސްވައިން ފުލޫ ޖެހިފައެވެ. މިހާތާނަށް އެ ހުމުގައި އެކަކު މަރުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.