ދަރަނިވެރިވެ، ހިންގޭ ވަރަށްވުރެ ދަށް ހާލުގައި އޮއްވައި އެސްޓީއޯގެ ދަށަށް ގެނައި މިފްކޯ ކޮޅަށް ނަގާފައިވާ އިރު، މިވަގުތު އެ ކުންފުޏަށް އިތުރު މާކެޓުތަކެއް ބޭނުން ނުވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދްލީ ވިދާޅުވީ މިހާރު ވެސް މިފްކޯގެ އެކަށީގެންވާ ވަރަށް މާކެޓުތައް އެބަ ހުރި ކަމަށެވެ. އަދި ކުރީގެ ސަރުކާރުން މިފްކޯ ތިން ކުންފުންޏަކަށް ބައި ކޮށްލުމުން މަސް ބޭރު ކުރުމަށް ދަތިތަކެއް ދިމާވެ އެކުންފުނީގެ އެންމެ ބޮޑު މާކެޓުކަމުގައިވާ ޔޫކޭ ނުވަތަ އިނގިރީސި ވިލާތުގެ މާކެޓު އެކުންފުންޏަށް ގެއްލުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފްކޯ ތިން ކުންފުންޏަކަށް ބައިކޮށްލި އިރު ދެކުނުގައި އިންނަ ކޫއްޑޫ އަކީ ގިނަ އަދަދަކަށް މަސް ލިބި މަސް ބޭރު ކުރެއްވި ފަރާތެއް. އެކަމަކު ފެލިވަރަށް ލިބެންވާ ވަރަށް މަސް ނުލިބުމުގެ ސަބަބުން ފެލިވަރުގައި ބަންދު ނުކުރެވިގެން ދިޔައީ މަސް. އެހެން ވުމުގެ ސަބަބުން ޔޫކޭ މާކެޓަށް އޭރު ހުރި ކޮމިޓްމަންޓުތައް ވެސް ފުލްފިލް ނުކުރެވި މާކެޓުން ބޭރުވާން ޖެހުނީ. މާކެޓުން ނުކުންނަށް ޖެހުނީމަ މާކެޓަށް ވަންނަން ވަގުތުތަކެއް ނަގާނެ،" އަދްލީ ވިދާޅުވި އެވެ.

އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން 2014 ވަނަ އަހަރު ތެރޭ މިފްކޯ އަނެއްކާ އެއްކޮށްލެއްވުމުން އަޅުގަނޑުމެން ނިންމީ ކުންފުނި އަޕްގްރޭޑު ކުރުމަށް ކަމަށާއި މިދިޔަ ދެ އަހަރު ދުވަސްތެރޭ ކުރިއަށް ގެންދިޔައީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިދަނީ އޯޑިޓް ކުރުމުގެ މަސައްކަތް. އިރާދަފުޅުކުރެއްވިއްޔާ މިމަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ދެ ބްރޭންޑުގެ އޮޑިޓް އަޅުގަނޑުމެން ކާމިޔާބު ކުރާނަން. އަޅުގަނޑުމެންނަށް އެބަ އޮތް ވަރަށް ބޮޑު ޔަގީން ކަމެއް ކާމިޔާބު ވާނެ ކަމަށް،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ބްރޭންޑުގެ ޕްރީ އޮޑިޓް ޓީމުތައް މިހާރު ވެސް މިފްކޯގައި މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ. އަދި އެބޭފުޅުންގެ ފަރާތުން "ފެހި ސިގްނަލެއް" ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވީ އެ ބްރޭންޑުގެ މައުލޫމާތު ހިއްސާ ކުރެއްވެން ނެތް ކަމަށާއި ނަމަވެސް އެ ދެ ބްރޭންޑުގެ އޮޑިޓުން އެކުންފުނި ފާސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ރާއްޖެ އިން ބޭރަށް މަސް ފޮނުވަން އެބަ. ސްވިޑެންއަށް އެބަ ފޮނުވަން އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ ހަމަ ޔޫކޭ މާކެޓު. ޖަރުމަނު މާކެޓު. އެއީ މެއިން މާކެޓްސް. އެއީ މިވަގުތު ތިމާވެއްޓާ ރައްޓެހި މަސްވެރިކަމުން ބާނާ މަސް ނުވަތަ މިކިޔާ ދޮށީގެ މަސްވެރިކަމުން ބާނާ މަހަށް އެންމެ ރަނގަޅު އަގު ލިބޭ މާކެޓުތަކަކީ،" އަދްލީ ވިދާޅުވި އެވެ.

ދުނިޔޭގެ ޓްރެންޑު ހުރި ގޮތުން ދޮށީގެ މަސްވެރިކަމުން ތިމާވެއްޓާ ރައްޓެހި ގޮތަށް ބާނާ މަސްވެރިކަމަށް އެހެން މާކެޓުތައް ވެސް ދަނީ ތަރައްގީ ވަމުންނެވެ. އެގޮތުން އެމެރިކާ އާއި އޮސްޓްރޭލިއާ ފާހަގަ ކުރެވޭ ކަމަށް އަދްލީ ވިދާޅުވި އެވެ.

ނަމަވެސް އަދްލީ ވިދާޅުވި ގޮތުގައި މިވަގުތު އިތުރު މާކެޓުތަކެއް މިފްކޯއަށް ބޭނުން ނުވެ އެވެ.