ޓެރަރިސްޓުންކަމަށް އެމެރިކާ ދެކޭ ފަރާތްތަކުގެ އަމާޒުތަކަށް ޑްރޯން ބޭނުންކޮށްގެން ވައިގެ ހަމަލާތައް ދިނުމުގެ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ އަށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ ނިންމަވައިފަ އެވެ.

ނަން ހާމަކުރަންނޭދޭ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ވޯލްސްޓްރީޓް ޖޯނަލް ބުނާ ގޮތުން ޓްރަމްޕް ވަނީ ޓެރަރިސްޓުންކަމަށް އެމެރިކާ ދެކޭ ފަރާތްތައް ހަރަކާތްތެރިވާ ކޮންމެ ގައުމެއްގެ ކޮންމެ ތަނަކަށް ވެސް ޑްރޯން ހަމަލާތައް ދިނުމުގެ ހުއްދަ ސީއައިއޭ އަށް ދީފަ އެވެ.

ޓްރަމްޕްގެ މި ހުއްދައާ އެކު އެމެރިކާގެ ޑްރޯން ހަމަލާތައް ޕާކިސްތާން، އިރާގު، ޔަމަން އަދި ސޮމާލިޔާ ފަދަ އިސްލާމީ ގައުމުތަކަށް ކުރިޔަށްއޮތްތަނުގައި ވަރަށް ގިނައިން އަމާޒުވާނެ ކަމަށް މިނޫސް ބުނެ އެވެ. ޓެރަރިސްޓުންކަމަށް އެމެރިކާ ދެކޭ ފަރާތްތައް ހަރަކާތްތެރިވާ ތަންތަނަށް އާންމުގޮތެއްގައި ހަމަލާތައްދެނީ އެމެރިކާ ސިފައިންނެވެ. މިފަދަ ޙަމަލާތައް ދިނުމުގެ ހުއްދަ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ސީއައިއޭއަށް ދިނުމަށް އޮބާމާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އޮބާމާ މިކަމަށް ދެކޮޅު ހެއްދެވީ ސީއައިއޭގެ މިފަދަ ޙަމަލާތަކަކީ އެމެރިކާ ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާ ސްޓޭޓް ޓެރަރިޒަމްގެ ހަމަލާތައް ކަމަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ސިފަކުރުމާ އެކު މިފަދަ ހަމަލާތަކުގައި ޕާކިސްތާން، އިރާގު، ޔަމަން އަދި ސޮމާލިޔާ ފަދަ އިސްލާމީ ގައުމުތަކުގެ ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް މަރުވެ، އެމެރިކާގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ އަދާލަތަށް ހާޒިރުކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންނާއި އެކްޓިވިސްޓުން ގޮވާލެއްވުމާ ގުޅިގެންނެވެ.

އެމެރިކާގެ ހަރުކަށި ރައީސެއްކަމަށްވާ ޖޯޖްޑަބްލިޔު ބުޝްގެ ވެރިކަމުގައި މިފަދަ ޙަމަލާތައް ދިނުމުގެ ހުއްދަ ސީއައިއޭ އަށް ދިނުމުން އެއެޖެންސީން ވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގައި މުސްލިމް އަންހެނުންނާއި ތުއްތުކުދިންނާ ދެކޮޅަށް ބިރުވެރި އެތައް ގަތުލުއާންމުތަކެއް ހިންގައިފަ އެވެ.

ބުޝްއަކީ އދ. އަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖެހުމަށް ފަހު އިރާގާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއް ކުރައްވައި އިރާގުގެ އެތައް ލައްކަ ބަޔަކު އެއްވެސް ހައްގަކާނުލައި މެރިކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ. ބުޝްގެ ވެރިކަމުގައި އެމެރިކާ ހިންގި މިބާވަތުގެ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އޮބާމާގެ ވެރިކަމުގައި ވަނީ ޑްރޯން ބޭނުންކޮށްގެން ވައިގެ ހަމަލާތައް ދިނުމުގެ ހުއްދަ ސީއެންއެންގެ ކިބައިން ނިގުޅައިގެންފަ އެވެ. އޮބާމާގެ ވެރިކަމުގައި ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދިނުމުގެ ހުއްދަ ދީފައިއޮތީ ހަމައެކަނި އެމެރިކާ ސިފައިންގެ ލަޝްކަރުތަކަށެވެ.

ޓްރަމްޕްގެ ވެރިކަމުގައި އޭނާ މި ހުއްދަ އަލުން ސީއެންއެން އަށް ދެއްވުމަށް ނިންމެވުމުން އަސްކަރީ ޖަމާއަތެއްގެ ގޮތުގައި ސްޓޭޓް ޓެރަރިޒަމްގެ ހަރަކާތްތައް އިސްލާމީ ގައުމުތަކާ ދެކޮޅަށް ހިންގުމުގެ ފުރްސަތު އަނެއްކާ ވެސް ސީއައިއޭއަށް މިވަނީ ލިބިގެންގޮސްފަ އެވެ.