މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ބައެއް ކުޅިވަރުތަކުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްތައް މެދު ކަނޑާލައިފި އެވެ.

ސުވައިން ފްލޫއަށް ޝައްކު ކުރެވޭ 251 ސާމްޕަލް މިހާތަނަށް ނަގާފައިވާ އިރު، އޭގެ ތެރެއިން ޖުމްލަ 51 މީހުން ސުވައިން ފްލޫއަށް ޕްޒިޓިވްވުމާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ފުޅާ ދާއިރާއެއްގައި ވައިޑީޕީ ޕްރޮގްރާމްތައް ކުރިއަށްގެންދާ ނެޓްބޯޅަ އެސޯސިއޭޝަނުން ވައިޑީޕީގައި ބައިވެރިވާ ދަރިވަރުންނަށް މިއަދު ކުރި މެސެޖެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ އެސޯސިސއޭޝަނުން ވަކި އެއްޗެއް އަންގަންދެން ވައިޑީޕީ މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ގިނަ އަދަދެއްގެ ކުޑަކުދިން އެއްތަނަކަށް ގެންދިއުން ރަނގަޅު ނުވާނެތީ ކަމަށެވެ. މީގެ އިތުރުން ކްރިކެޓް ވައިޑީޕީ ޕްރޮގްރާމްތައް ވެސް ވަނީ މެދު ކަނޑާލައިފަ އެވެ.

މީގެ އިތުރުން ހޭންޑް ބޯޅަ އެސޯސިއޭޝަނުން ކުރިއަށްގެންދާ ވައިޑީޕީ ޕްރޮގްރާމްތައް ވެސް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް އިންޓާ ސްކޫލު މުބާރާތް ކުރިއަށް ގެންދިޔުމާއި ނުގެންދިއުމާ ދޭތެރޭ ފަހުން ގޮތެއް ނިންމާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެފްއޭއެމުން މިހާރު ކުރިއަށްގެންދާ މާލޭ ލީގާއި އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް މެދުކަނޑާލައި އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ވެސް ވަނީ، ފެތުރެމުންދާ ރޯގައިގެ ސަބަބުން ފަސްކޮށްފަ އެވެ.