ސަތާރަ ސަތޭކައަށް ވުރެ ގިނަ މީހުން ނަން ނޯޓްކޮށް 1000 އަށް ވުރެ ގިނަމީހުން ދުވެ، " ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް" އިއްޔެ ނިންމާލި އިރު، ރިކޯޑް އަދަދަކަށް މީހުން ދުވެފި އެވެ.

މުއާސަލާތީ ކުންފުނި ދިރާގާއި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ "ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް" އިއްޔެ ނިންމާލި އިރު ޓީމް އިވެންޓުގެ އެއްވަނަ ހޯދީ ދިވެހި ސިފައިނެވެ.

ކުލަބް ޖަމްއިއްޔާތަކާއި ސުކޫލްތަކާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސިޔާސި ބޭފުޅުންނާއި އަމިއްލަ ފަރާތްތަކާއި މުނިފޫހި ފިލުވުމުގެ ދާއިރާގެ ފަންނާނުން އިއްޔެގެ ރޭހުގައި ބައިވެރިވި އެވެ.

އެހެން އަހަރުތަކާ ހިލާފަށް ދެ ކެޓަގަރީ އިތުރުކޮށްގެން ބޭއްވި ރޭހަށްފަހު ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، "ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް" ބޭއްވި ރޭސް ވަރަށް ކާމިޔާބު ކަމަށާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެތެރޭގައި ބައިވެރި ނުވާ އަދަދަކަށް މިފަހަރުގެ ރޭހުގައި މީހުން ދުވި ކަމަށެވެ. އެހެންކަމުން މިއީ ރިކޯޑް އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ރޭހުގައި 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ނައުސީން އަހުމަދެވެ. އެއުމުރުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ގެންދިޔައީ އިޖާބަތު ލަތީފެވެ.
ޕްރޮފެޝަނަލް ކެޓަގަރީގެ އަންހެން ބައިގެ އެއް ވަނަ އާމިނަތު ނަޒުރާ ހޯދިއިރު ފިރިހެން ބައިގެ އެއްވަނަ ލިބުނީ ސިފާޒް މުހައްމަދަށެވެ.

ސާޅީސް އަހަރުން ދަށުގެ ބައިން އެއްވަނަ އަންހެން ދުވުންތެރިއަކަށް ހޮވުނީ ބިދޭސީ އަންހެނެކެވެ. ފިރިހެން ބައިން އެއްވަނަ އަށް ހޮވުނީ އަހުމަދު ފައިސަލެވެ. އަދި 40 މަތީގެ ބައިން އެއްވަނަ އާމިނަތު ނާސިހާ ހޮވުނުއިރު، ފިރިހެން އެއްވަނަ އަށް ހޮވުނީ އަބްދުއްﷲަ މަހުރީނެވެ.

ރޭހުގައި ދުވުނު އެންމެ ދޮށީ މީހަކަށް ހޮވުނި ވެސް ބިދޭސީ އެކެވެ. އެންމެ ހަގު ބައިވެރި އަކީ މުހައްމަދު އިލްފް އިބްރާހިމެވެ. ރިސޯޓްތަކުގެތެރެއިން ރީތިރަށް ރިސޯޓް އެއް ވަނަ ހޯދި އިރު ސްކޫލްތަކުގެ ތެރެއިން އެއްވަނަ ހޯދީ ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލެވެ.