14 Mar 2017, 08:37
އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޗެލްސީން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ޔުނައިޓެޑްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗަށް ޔުނައިޓެޑް ނުކުތްއިރު އެޓީމުގެ އެންމެ މުހިންމު ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް ހުރީ ސަސްޕެންޝަނުގައެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ ޗެލްސީންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑާއި އިނގިރޭސި ޑިފެންޑަރު ގޭރީ ކޭހިލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާވެސް ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.
ޗެލްސީން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް، ޔުނައިޓެޑަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 35 ވަނަ މިނެޓުގައި އެޓީމުގެ ސްޕެއިން މިޑްފީލްޑަރު އެންޑާ ހެރޭރާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެހެންކަމުން ޔުނައިޓެޑުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށީތާ ހަ މިނެޓް ފަހުން ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ވިލިއަން ދިން ބޯޅައަކުން ޗެލްސީއަށް ލީޑު ހޯދައިދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ. ޔުނައިޓެޑްގެ ގޯލާ 25 ޔާޑު ދުރުން ކަންޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފުގައި ވެސް ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 59 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ޔުނައިޓެޑް އިނގިރޭސި ފޯވަޑް މާކަސް ރަޝްފާޑްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ރަޝްފާޑް ފޮނުވާލި އެ ހަމަލާ، ޗެލްސީގެ ބެލްޖިއަމް ކީޕަރު ތިބައުޓް ކޯޓުވާ ވަނީ މަތަކޮށްފައެވެ.
އެއަށްފަހު ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން ފޮނުވާލި ހަމަލާ، ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ފޮނުވާލި ހަމަލާ، ކީޕަރު ޑެހެއާ ވަނީ މަތަކޮށްފައެވެ.
ޗެލްސީއާއެކު އެފްއޭ ކަޕްގެ ސެމީއަށް ދަތުރުކުރި އަނެއް ތިން ޓީމަކީ މެންޗެސްޓާ ސިޓީއާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާއެވެ.