ރާއްޖޭގައި މިހާރު ހުރީ އެޗްވަން އެންވަން ވެކްސިންގެ ލިމިޓެޑް ސްޓޮކެއް ކަމަށާއި އެހެންކަމުން އެ ސްޓޮކް ހާއްސަކުރަން ޖެހެނީ ވަކި ހާއްސަ ކެޓެގަރީއަކަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެޗްވަން އެންވަން ވެކްސިންއަކީ އިންފުލުއެންޒާ ރޯގާއިން ސަލާމަތް ވުމަށް ޖަހާ ވެކްސިނެކެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އައިޝަތު ނިޔާޝާ ވިދާޅުވީ އާންމުކޮށް ރާއްޖެއަށް ވެކްސިން ގެންނަނީ ހައްޖު އުމުރާއަށް ދާ މީހުންނަށް ހާއްސަކޮށްގެން ކަމަށެވެ.

އެހެންކަމުން މިހާރު ރާއްޖޭގައި ހުރި ވެކްސިންގެ މަދު ސްޓޮކެއް ކަމަށް ނިޔާޝާ ވިދާޅުވި އެވެ. އަދި ވިދާޅުވި އެ ސްޓޮކް ހާއްސަ ކުރެވެނީ ދުވަސްވީ މީހުންނަށާއި ކުޑަކުދިން އަދި މާބަނޑު އަންހެނުންނާއި ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ.

އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފު ވިދާޅުވީ ހޯދަން ޖެހެނީ ޑަބްލިއުއެޗްއޯ އެޕްރޫވް ވެކްސިން ތަކެއް ކަމަށެވެ. އެެހެންވެ ޑަބްލިއުއެޗްއޯ އާއި ރާއްޖެއަށް ބޭސް އެތެރެކޮށް ދޭ ފަރާތްތަކާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މި ވަގުތު ވަރަށް ދަތި ކިހާ ވެކްސިނެއްް ލިބޭނެތޯ ބުނަން. ފުލޫ ވެކްސިނަކީ އާންމު ގޮތެއްގައި ވަރަށް ފުލޫ ދަށް ވެކްސިނެއް. އަޅުގަނޑުމެންނަށް އެކުވެރި ބައެއް ދައުލަތްތަކުން އެހީތެރިކަމެއް ގޮތަށް ވެކްސިން ލިބިފައިވާތީ އެކަމަށް އެބަ ބަލަން،" ޑރ ނިޔާފް ވިދާޅުވި އެވެ.

ނިޔާފު ވިދާޅުވީ މިވަގުތު މުޅި އާބާދީއަށް ވެކްސިން ޖަހަން އިރުޝާދު ނުދޭނެ ކަމަށެވެ. އެއީ އެ ވަރަށް ވެކްސިން ނެތުމުން ކަމަށާއި އެހެން ކަމުން އެންމެ ބޮޑު އިސްކަމެއް ދޭންވީ "ހައި ރިސްކް ގްރޫޕަށް" ކަމަށް ނިޔާފު ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ ބަލީގެ ވާހަކަ ދެކެވުނީމަ ކޮންމެ ބޭފުޅަކު ވެސް ވެކްސިން ޖަހަން ބޭނުންވާނެ ކަމަށާއި އެކަމަކު މިއީ އެފަދަ ހާލަތެއް ނޫން ކަމަށް ނިޔާފު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ދޫކޮށްލާނަން އަޅުގަނޑަށް އޮތް ވެކްސިން މާބަނޑު މީހަކަށް ޖަހަން،" ޑރ ނިޔާފް ވިދާޅުވި އެވެ.

ވެކްސިން ލިބޭ އަދަދު އިތުރުވި ވަރަކުން ރައްޔިތުންނާ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ނިޔާފް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭން އެޗްވަންއެންވަން އަށް ޕޮސިޓިވްވެފައި ވަނީ 51 މީހުންނެވެ. އޭގެތެރެއިން 24 މީހުންނަކީ މިއަދު ޓެސްޓް ހެދި މިއަދު ޕޮސިޓިވްވި މީހުންނެވެ.