ސްވައިން ފުލޫ ޖެހޭ މިންވަރު އިތުރުވަމުންދާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިތިމާސްކޮށްފިއެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫއާ ގުޅިގެން އެޗްޕީއޭއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވީ، ރަށްރަށުން މާލެއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރު ވުމަކީ ބަލި ފެތުރުން އިތުރުވެދާނެ ސަބަބެއް ކަމަށެވެ. އަދި ސްކޫލްގެ އެކި ހަރަކާތްތައް ބޭއްވުމަކީ ވެސް އެ ބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕްރޮފެޝަނަލީ މަޝްވަރާ ނެރެން. މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނިއްޔާ ވީހާވެސް ދަތުރު މަދުކޮށްލުން އެއީ މާލެއިން ބަލި ރަށްރަށަށް ފޯރުން މަދުކުރުން،" ޑރ. ނިޔާފް ވިދާޅުވިއެވެ.

ޑރ. ނިޔާފް ވިދާޅުވީ، ދަތުރުތައް މަދުކޮށްލުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމަށާއި ނަމަވެސް އާންމު ސިއްހަތަށް ސަމާލުކަން ދިނުމުގެ ގޮތުން އެފަދަ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ސްވައިން ފްލޫއަށް ޝައްކު ކުރެވޭ 251 ސާމްޕަލް މިހާތަނަށް ނަގާފައިވާއިރު، އޭގެ ތެރެއިން ޖުމްލަ 51 މީހުން ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވްވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބަލިން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ.

ބަލީގެ އަލާމާތްތައް

  • ހުން އައުން
  • ކަރުގައި ރިހުން
  • ބޮލުގައި ރިހުން
  • ގައިގައި ރިހުން
  • ހީކަރުވާފައި ވަރުދެރަވުން
  • ބޭރަށް ހިންގުން، ހޮޑުލުން

ސަލާމުކަން ދޭންޖެހޭ ކަންތައްތައް

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގަ އާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން.
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން.
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.

ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ

  • ގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
  • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން

އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.