ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުންދާތީ އެފްއޭއެމް އިން މިހާރު ކުރިއަށްގެންދާ މާލޭ ލީގާއި އިންޓަ ސްކޫލް މުބާރާތް މެދުކަނޑާލައި، މިނިވަން ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި އެކަން އިއުލާންކޮށްފައިވާއިރު، މިހާރު ކުރިއަށްދާ މާލޭ ލީގައި އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް މެދުކަނޑާލައި އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ވަނީ ފަސްކޮށްފައެވެ.

އެ މުބާރަތްތައް ފަށާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ރާއްޖޭގެ އެލާޓް ލެވެލް ތިނަކަށް ގޮސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ވަނީ އިއުލާންކޮށްފައެވެ. އެގޮތަށް އިއުލާންކުރީ އެ ބަލި ޖެހެނީ އެއް ސަރަހައްދަކަށްވުރެ ގިނަ ސަރަހައްދެއްގައި ކަމަށްވާތީ އާއި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީއެވެ.