14 Mar 2017, 01:50
އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫ ޖެހިގެން މި މަހުގެ ހަތަރު ވަނަ ދުވަހު މީހަކު މަރުވެފައިވާ ކަމަށާއި އަދި އެ ބަލި ޖެހިފައިވާ މާބަނޑު މީހެއްގެ ހާލަތު ސީރިއަސްވެ ފަރުވާދެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސްއެއްގައި އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު މަރުވި 26 އަހަރުގެ ފިރިހެނެއްގެ ސާމްޕަލްތައް ޓެސްޓު ކުރި އިރު، އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްވަންއެންވަން ޖެހިގެން ފަރުވާދެމުން އަންނަ މާބަނޑު މީހާ އެޑްމިޓްކުރީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށާއި ސްވައިން ފްލޫއަށް ތުހުމަތު ކުރެވުމުން މި މަހުގެ 10 ވަނަ ދުވަހު އޭނާ އަށް އެންޓިވައިރަލް ފަރުވާދޭން ވަނީ ފަށާފައި ކަމަށް ނިޔާފް ވިދާޅުވި އެވެ.
ނިޔާފް ވިދާޅުވީ އެ މާބަނޑު މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ހދ. ކުޅުދުއްފުށިން މިއަދު މާލެ ގެނައި ހާލު ދެރަ މާބަނޑު މީހަކަށް ސްވައިން ފްލޫއަށް ޝައްކުކުރެވިގެން ޓެސްޓު ހެދުމުގެ މަސައްކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސްވައިން ފްލޫއަށް ޝައްކުކުރެވޭ އިތުރު ކުޑަކުއްޖެއްގެ ޓެސްޓު ހަދަމުން އަންނަ ކަމަށް ވެސް ނިޔާފް ވިދާޅުވިއެވެ.
ސްވައިން ފްލޫއަށް ޝައްކު ކުރެވޭ 251 ސާމްޕަލް މިހާތަނަށް ނަގާފައިވާއިރު، އޭގެ ތެރެއިން ޖުމްލަ 51 މީހުން ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވްވެފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބަލިން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފަ އެވެ.
ބަލީގެ އަލާމާތްތައް
- ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލުން
ސަލާމުކަން ދޭންޖެހޭ ކަންތައްތައް
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގަ އާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
- ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން
އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.