14 Mar 2017, 02:01
ބާރުމިނެއްގައި މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ނުވަތަ ސުވައިން ފުލޫ ކޮންޓްރޯލް ނުކުރެވި އަދިވެސް އިތުރުވެގެންދާނެ ކަމުގެ އިންޒާރެއްް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފި އެވެ.
އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫ ރާއްޖެއިން ޖެހުނު މީހުންގެ އަދަދު އިއްޔެ ހެނދުނު 27 ހުރި ނަމަވެސް، 12 ގަޑިއިރު ނުވަނީސް އެ އަދަދު ރޭ ވަނީ 51 އިތުރުވެފަ އެވެ.
ކުރިއަށް އޮތްތަނުގައި އެބަލި ފެތުރުމުގެ ބިރު އެބައޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ފުލޫ އިތުރުވެގެންދާނެ ކަމަށެވެ.
"ލަފާ ކުރެވޭ ގޮތުގައި މި ނަމްބަރު ހަމަ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މައްޗަށް ދާނެ. ކިހާ ދުވަހަކު މައްޗަށް ދާނެތޯ އިސްވެ ދެންނެވުން އެއީ ވަރަށް ދަތިކަމެއް. މިއަދުގެ މިދިޔަ ވަގުތު ތެރޭގައި މައްޗަށް ދިޔަ ވަރަށް ބަލާފައި ލަފާކުރެވެނީ އަދިވެސް ދުވަސްތަކަކަށް ދާނީ ހަމަ ކޭސް ލޯޑު މައްޗަށޭ،" ޑރ ނިޔާފް ވިދާޅުވި އެވެ.
ނިޔާފް ވިދާޅުވީ މިހާރުވެސް 70 ސާމްޕަލެއް އެޗްވަން އެންވަންއަށް ޝައްކު ކުރެވިގެން ޓެސްޓްކުރެވެމުންދާ ކަމަށާއި އޭގެތެރޭގައިވެސް ޕޮސިޓިވް ސާމްޕަލްތައް އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭގެ އިތުރުންވެސް ފުލޫ ކްލިނިކްތައް ރަނގަޅަށް ހިނގަން ފެށުމުން ގިނަ ކޭސްތަކެއް އަންނާނެ ކަމަށް ޑރ. ނިޔާފު ވަނީ ލަފާކުރައްވާފަ އެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސުކޫލުތައް ބަންދުކުރުމާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބަލިން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފަ އެވެ.
ބަލީގެ އަލާމާތްތައް
- ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލުން
ސަލާމުކަން ދޭންޖެހޭ ކަންތައްތައް
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
- ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން
އޭގެ އިތުރުން ހޮސްޕިޓަލު ފަދަ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.