14 Mar 2017, 09:02
މިސީޒަނުގެ ނިޔަލަށް ލެސްޓާ ސިޓީގެ ކޯޗަކަށް، އެޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި ކްރެއިގް ޝޭކްސްޕިއާ ހަމަޖައްސައިފިއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ލެސްޓާގެ ކޯޗުކަމުގެ މަގާމުން ކްލައުޑިއޯ ރަނިއޭރީ ދުރުކޮށްފައިވަނީ ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ. އޭނާ މަގާމުން ދުރުކުރުމަށްފަހު، އެކްލަބަށް ވަގުތީގޮތުން އިރުޝާދުދެމުންދިޔައީ ޝޭކްސްޕިއާއެވެ.
މުޅި ދުނިޔެ ސިއްސުވާލައި މިދިޔަ ސީޒަނުގައި ލެސްޓާއިން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ވެސް ރަނިއޭރީގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔައީ ޝޭކްސްޕިއާއެވެ. ރަނިއޭރީގެ ކުރިން ލެސްޓާގެ ކޯޗުކަމުގައި ނިގެލް ޕިއާސަން ހުރި އިރު ވެސް އެސިސްޓަންޓެއްގެ ގޮތުގައި ޝޭކްސްޕިއާ މަސައްކަތްކުރިއެވެ.
ރަނިއޭރީ މަގާމުން ދުރުކޮށް ވަގުތީ ކޯޗަކަށް ޝޭކްސްޕިއާ ހަމަޖެއްސިފަހުން، އޭނާގެ އިރުޝާދުގެ ދަށުން ލެސްޓާ ކުޅުނު ފުރަތަމަ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އެ މެޗުގައި ލެސްޓާއިން ވަނީ 3-1 ލަނޑުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗަށްފަހު ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލެސްޓާ ވަނީ 3-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.
މިސީޒަނުގެ ނިޔަލަށް ލެސްޓާގެ ކޯޗުކަމުގެ މަގާމު އަދާކުރާނީ ޝޭކްސްޕިއާކަން އެކްލަބުގެ ވައިސް ޗެއާމަން އައިޔަވަތު ސްރިވަދަނަބަޕްރަބާ ކަށަވަރުކޮށްދީފައިވާއިރު، ވަގުތީގޮތުން ކޯޗުކަމުގެ މަގާމު އަދާކުރަމުންދިޔަ ދުވަސްތަކުގައި ޝޭކްސްޕިއާ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އޭނާއަށް ތައުރީފްކޮށްފައިވެއެވެ.