02 Jul 2011, 14:00
ދެކުނު އެމެރިކާގެ ޤައުމުތަކުގެ މެދުގައި ބާއްވާ "ކޮޕާ އެމެރިކާ" ފުޓްބޯޅަ މުބާރާތް އިއްޔެ ފެށިއިރު، އާޖެންޓީނާއިން ކުރަމުންއައި އުންމީދުތަކަށް ބޮލީވިއާއިން ހުރަސްއަޅައިފި އެވެ.
މުބާރާތް ހުޅުވައިދިން މެޗްގައި ގަދަފަދަ އާޖެންޓީނާއާ ދެކޮޅަށް ބޮލީވިއާ ނުކުމެ ވަނީ އާޖެންޓީގެ ފަސްގަނޑުގައި 1-1 ލަނޑުން ހަމަހަމަކޮށް އާޖެންޓީ ސިއްސުވާލައިފަ އެވެ.
ބޮލީވިއާ އާއި އާޖެންޓީނާ އިއްޔެ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ޖެހީވެސް ބޮލީވިއާ އިންނެވެ. އެ ލަނޑު ވެގެންދިޔައީ ތަރިން ގިނަ އާޖެންޓީނާ އާއި ސަޕޯޓަރުން ސިއްސުވައިލި ލަނޑަކަށެވެ. މެޗްގެ 47 ވަނަ މިނެޓުގައި ބޮލީވިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބްރެޒީލަށް އުފަން ފޯވަޑް އެޑްވަލްޑޯ ރޮޖަސް އެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެތުލެޓިކޯ މެޑްރިޑްގެ ތަރި، ސާޖިއޯ އަގުއެރޯ އެވެ. ލަނޑުޖެހީ 76 ވަނަ މިިނެޓްގަ އެވެ.
އާޖެންޓީނާ އާއި ބޮލީވިއާ ވާދަކުރާ ގުރޫޕު އޭ ގައި ދެން ހިމެނޭ ކޮލަމްބިއާ އާއި ކޮސްޓަރީކާ މިރޭ ރާއްޖެ ގަޑިން 11:30 ގައި ކުޅޭނެ އެވެ. މާދަމާ ރޭ މިމުބާރާތުގައި ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މަދަމާރޭ ފުރަތަމަ މެޗްގައި ގުރޫޕް ބީގެ ބްރެޒިލްއާ ދެކޮޅަށް ނުކުންނާނީ ވެނެޒުއެލާ އެވެ. މިމެޗް ކުޅޭނީ ރާއްޖޭ ގަޑިން 12:00 ގަ އެވެ. ދެވަނަ މެޗްގައި ރާއްޖެގަޑިން މެންދަމު 2:30 ގައި ބައްދަލުކުރާނީ ޕެރަގުއޭ އާއި އިކުއެޑޯ އެވެ