މިހާރު ބާރުމިނުގައި ފެތުރެމުންދާ އިންފުލުއެންޒާ އެޗްވަންއެންވަން ރޯގާއަށް ހާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ފުލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗުގައި ވެސް އިއްޔެ ވަނީ ފުލޫ ކްލިނިކެއް ހުޅުވައި ފަރުވާދޭން ފަށާފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ފުލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު އަށަކުން ރޭގަނޑު އެގާރައަށް ކަމަށެވެ. އަދި މުހިންމު ބޭނުމަަކަށް މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންފުލުއެންޒާ އެޗްވަންއެންވަން ފުލޫއަށް ހާއްސަ ކްލިނިކެއް އޭޑީކޭގައިވެސް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާރު ފެތުރެމުންދާ އެޗްވަން އެންވަން އިންފުލުއެންޒާ ރޯގާ އަކީ ފެތުރެމުންދާއިރު ބިރުގަންނަން ނުޖެހޭ ކަމަށާއި އެއީ ހައްލުކުރެވޭ އަދި އާންމު ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ ެއެވެ.

"މީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން ގައިގައި ރިހުން ނޭފަތްބެދުން، އާދަޔާ ހިލާފަށް ވަރުބަލިވުން، ކެއްސުން، މިކަހަލަ އަލާމާތްތަކަކާ އެއްކޮށް އުނދަގޫތަކެއްވާ ނަމަ ޑޮކްޓަރަށް ދައްކާ. އޭރުން އެބޭފުޅުންނަށް ހާއްސަކޮށް ހަމަ ދެ ހޮސްޕިޓަލުން ބެލެވި ހާއްސަ ފަރުވާއެއް ކުރެވޭނެ،" އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލަށް އިޝާރާތްކުރައްވައި ޑރ އަބްދުﷲ ނިޔާފު ވިދާޅުވި އެވެ.

މިއަހަރު 208 މީހުން ޓެސްޓް ކުރެވުނު އިރު 27 މީހުންގެ ގައިން އެޗްވަންއެންވަން ފެނިފައިވެ އެވެ.