13 Mar 2017, 21:32
ދަރަނި ބޮޑުވެފައި ވަނިކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލު ކުރި، މިފްކޯ ކޮޅަށް ޖަހައި، އިތުރަށް ކުރިއެރުވުމުގެ ގޮތުން އެ ކުންފުންޏަށް އިންވެސްޓު ކުރުމަށް އެސްޓީއޯ އިން ނިންމައިފި އެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަހީރު ވިދާޅުވީ އެ ކުންފުނީގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ ގެނައުމުގެ ކުރިން އެ ކުންފުންޏަށް ވިއްކާފައިވާ ތެލަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތް ކަމަށާއި އެ ފައިސާ މިހާރު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެސްޓީއޯއިން މިފްކޯއާ ހަވާލުވި އިރު އެކުންފުނީގެ ދަރަނީގެ އަގު 338 މިލިއަނަށް އަރައެވެ. އެއީ އެސްޓީއޯއަށް ދައްކަން ޖެހުނު 100 މިލިއަން ރުފިޔާ އާއި މަސްވެރިންނަށް ދޭން ޖެހޭ ހަ މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދައްކައި ނިމިފައިވާ ކަމުގެ ޔަގީންކަން، މިފްކޯއާ ހަވާލާދީ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ދެއްވާފަ އެވެ. އިއްޔެގެ ޕްރެސް ކޮންފަރެންސުގައި ޝަހީރު ވެސް ވަނީ އެ ދަރަނި ދައްކައި ޚަލާސްކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޝަހީރު ވިދާޅުވީ މިފްކޯއާ އެސްޓީއޯއިން ހަވާލުވި އިރު އެ ކުންފުނީގެ ބައިނަލްއަގުވާމީ ކަސްޓަމަރުންގެ މެދުގައި ކުންފުންޏާ މެދު އިތުބާރު އޮތީ ގެއްލިފައި ކަމަށެވެ. އެ ފަރާތްތަކުގެ އިތުބާރު އަލުން ހޯދުމުގެ ގޮތުން ކުންފުނީގެ އޮޑިޓެއް ހަދައި، އޮޑިޓްގައި ފާހަގަ ކުރެވުނު ކަންކަން އެއްކޮށްހެން މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހުރިހާ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ ވަކި ވަކި ސައިޓްތަކުގަ އެސެސްޓެމެންޓްތައް ހަދައި، އަދި މިހާރު ވެސް މިދަނީ އެސެސްމެންޓުތައް ހަދަމުން. އެގޮތުން މިހާރު މިބަލަނީ ޕްރައިވަޓައިޒްކޮށްގެން މިހާރު ރަނގަޅު ކުރަން ޖެހެނީ ކޮން ފެސިލިޓީސްތަކެއްތޯ ބަލައި އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް މި ކުރަނީ،" ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވި ގޮތުގައި މިފްކޯއަށް ގެއްލުންވީ އެކުންފުނި ބައިބައިކޮށް ހަތަރު ކުންފުނީގެ ގޮތުގައި ހިންގަން ފެށުމުންނެވެ. އެކަމުގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގައި ހުރި އެކުންފުނީގެ މަރުކަޒުތަކުގެ ފެސިލިޓީސްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފްކޯގެ އައިސް ޕްލާންޓްތަކުގެ ހާލަތާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެކުންފުނީގެ 11 އައިސް ޕްލާންޓެއް ރާއްޖޭގައި ހުންނަ އިރު އޭގެ ތެރެއިން ހަ އައިސް ޕްލާންޓެއް ބޭނުން ނުކުރެވި ހުރި ކަމަށެވެ. އެކަމަކު މިހާރު 10 އައިސް ޕްލާންޓް އަލުން ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެސްޓީއޯއިން ބޮޑެތި މަސައްކަތްތަކެއް ކޮށް އިންވެސްޓްމަންޓްތަކެއް ކޮށްގެން މިފްކޯ ކޮޅަށް މިޖެހުނީ. މިކަމުގައި އެސްޓީއޯއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެސް އެބަ ކުރަން މިފްކޯއިން ފައިދާ ނެރުމަށް. އަޅުގަނޑުމެން ކުރާ މަސައްކަތުގެ ކާމިޔާބީ އެބަ ފެނޭ. މިފްކޯގެ ވިޔަފާރި ރަނގަޅުވަމުން އަންނަތަން އެބަ ފެނޭ،" ޝަހީރު ވިދާޅުވި އެވެ.
މަސްވެރިންގެ ދަރަނި އެއްކޮށް ޚަލާސްކޮށްފައިވާއިރު، ޝަހީރު ވިދާޅުވީ އެސްޓީއޯއިން މިފްކޯއާ ހަވާލުވި ފަހުން، ހުރި މައްސަލަތައް ހައްލުކޮށް މަސްވެރިންނަށް އެ އޮންނަ އުސޫލުގެ ތެރެއިން ބަރާބަރަށް ފައިސާ ދެމުންދާ ކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ އާއި އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިމުމާއެކު މިފްކޯގެ ދަރަނި ވަނީ 200 މިލިއަން ރުފިޔާއަށް ތިރިވެފައެވެ.