ފްރާންސް ލީގުގައި އިއްޔެ ޓުލޫސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިޔޯންގެ މެމްޕިސް ޑިޕާއީ ކާމިޔާބުކުރި ރީތި ގޯލަކީ އޭނާގެ ކެރިއަރުގައި ޖެހުނު އެންމެ ރީތި ގޯލު ކަމަށް ޑިޕާއީ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު މިދިޔަ ޖެނުއަރީ މަހު ލިޔޯންއާ ގުޅުނު ނެދަލެންޑްސް ފޯވަޑް ޑިޕާއީ ވަނީ އިއްޔެގެ މެޗުގައި ޓުލޫސް ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. ޓުލޫސް އަތުން 4-0 ލަނޑުގެ ނަތީޖާއަކުން މޮޅުވި މެޗުގައި ޑިޕާއީ ޖެހި ދެ ގޯލާއެކު އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ޖުމްލަ ފަސް ގޯލު ކާމިޔާބުކޮށްދީފަ އެވެ.

އިއްޔެގެ މެޗުގެ ނަތީޖާއަށްވުރެ ދުނިޔޭގެ މީޑިއާތަކުގައި ދެކެވިގެންދިޔަ އެއް ވާހަކައަކީ އެ މެޗުގައި ޑިޕާއީ ޖެހި ދެވަނަ ގޯލެވެ. ޑިޕާއީ އެ ގޯލު ކާމިޔާބުކޮށްފައި ވަނީ ދަނޑުގެ މެދެއްހާ ހިސާބުން އޭނާ ފޮނުވާލި ހަމަލާއަކުންނެވެ. އޭނާގެ އެ ހަމަލާ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ޓުލޫސްގެ ގޯލްކީޕަރު ބޯ މަތިންނެވެ.

"މިފަދަ ގޯލެއް ކާމިޔާބުކުރެވުމުން ވަރަށް އުފާކުރަން. އަހަރެން ކުރިން ޕީއެސްވީއަށް ކުޅުނުއިރު ވެސް މިފަދަ ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތްކުރިން. އޭރު އަހަރެން ދިހަ މީޓަރު ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށް. މިފަހަރު އަހަރެން ނަސީބުގަދަ. މި ގޯލަކީ އަހަރެންގެ ކެރިޔަރުގައި ޖެހުނު އެންމެ ރީތި ގޯލު،" ޓުލޫސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިޕާއީ ޖެހި ގޯލާ ބެހޭގޮތުން އޭނާ ބުންޏެވެ.

އުމުރުން 23 އަހަރުގެ ޑިޕާއީ ބުނީ، މެޗު ފެށުނީއްސުރެ ޓުލޫސްގެ ކީޕަރު ކުރިއަށް ނުކުމެގެން ކުޅެމުންދިޔަކަން ފާހަގަކުރެވުނު ކަމަށާއި އެ ގޯލު ޖެހުމަށް ހަމަލާ ފޮނުވާލިއިރު ވެސް ކީޕަރު ކުރިއަށް ނުކުމެ ހުންނާނެކަން އެނގުނު ކަމަށެވެ. އަދި އެ ގޯލުގެ އިތުރުން މެޗުން މޮޅެއް ހޯދުމުން ވެސް ވަރަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެ ހަމަލާ ފޮނުވާލީ އެއްވެސް ވަރަކަށް ވިސްނާ ނުލައި. އަހަރެންނަށް ބޯޅަ ގޯލުގެ ތެރެއަށް ވަނުމުގެ މަންޒަރަށްވުރެ ބޮޑަށް ފާހަގަވީ ސަޕޯޓަރުންގެ ހަރަކާތްތައް. ކުރީ މެޗުގައި އެލެކްސް ލަކަޒެޓޭ ކާމިޔާބުކުރި ރީތި ގޯލަށްފަހު އަހަރެން އޭނާ ކައިރީ ބުނިން އަހަރެންވެސް އެފަދަ ގޯލެއް ޖަހަން ބޭނުމޭ. އަދި މިހާރު އެފަދަ ރީތި ގޯލެއް ކާމިޔާބުކުރެވިއްޖެ،" އޭނާ ބުންޏެވެ.

ލިޔޯން ދެން ނުކުންނަން ޖެހޭނީ ޔޫރޮޕާ ލީގުގެ ގަދަ 16ގެ ދެވަނަ ލެގު މެޗަށެވެ. ރަށުން ބޭރުގައި ރޯމާއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ނުކުންނައިރު، ލިޔޯންގެ ދަނޑުގައި ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މިސީޒަނުގެ ޔޫރޮޕާ ލީގުގައި ޔުނައިޓެޑްގެ ޓީމުގައި ޑިޕާއީ ހިމެނިފައިވުމުން އޭނާއަށް މިސީޒަނުގައި ލިޔޯންގެ ޖާޒީގައި ޔޫރަޕްގެ ސަރަހައްދީ މުބާރާތެއްގައި ނުކުޅެވޭނެއެވެ.